ގެއްލިފައިވާ އަޙްމަދު ރިލްވާން ޢަބްދުﷲ

ރިލްވާން އަށް އިންސާފު ނުލިބި ލަސްވަނީ މުއައްސަސާތައް ފެއިލްވެފައިވާތީ: އާއިލާ

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ އަށް އިންސާފު ނުލިބި ލަސްވެފައި ވަނީ މުއައްސަސާތައް ފެއިލްވެފައި ވާތީ ކަމުގައި ރިލްވާންގެ އާއިލާ އިން ބުނެފިއެވެ.

ރިލްވާން ގެއްލުނުތާ 6 އަހަރު ފުރުމާއި ދިމާކޮށް ރާއްޖެ ޓީވީ އިން ގެނެސްދީފައިވާ ރިލްވާންގެ އާއިލާގެ ޚާއްސަ އިންޓަރވިއުގައި ރިލްވާންގެ ތިއްތަ ބުނެފައިވަނީ ވޭތުވެދިޔަ ފަސް އަހަރުތެރޭގައި އުޅުނީ ވަރަށް ހިތްދަތިކަންމަތީގައިކަމަށާއި، ރިލްވާންއަށް އިންސާފު ހޯދުމަށް ނުދާ މުއައްސަސާއެއް ނުދާ ވެރިއެއް ނުހުންނާނެކަމަށެވެ.

ރިލްވާންގެ އާއިލާއިން ބުނެފައި ވަނީ ވޭތިވެދިޔަ ފަސް އަހަރު އޮތް ސަރުކާރަކީ އެބޭފުޅުންނަށް އަނިޔާ ދިން ސަރުކާރެއް ކަމަށާއި، ންމީދެއް ލިބިފައިވަނީ މި ސަރުކާރު އައިފަހުން ކަމަށެވެ. އެގޮތުން ރިލްވާންއަށް އިންސާފު ލިބޭނެކަމަށް އާއިލާ އިން ކުރާ އުންމީދަކީ މަރު ކޮމިޝަން ކަމުގައި އާއިލާ އިން ވަނީ ބުނެފައެވެ.

ރިލްވާންގެ އާއިލާއިން ބުނެފައިވަނީ އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހް އާއި ބައްދަލުކޮށް މިކަން ތަޙްޤީޤު ކުރުމަށް ބޭރުގެ މާހިރެއް ގެނެސް ދިނުމަށް އެދިފައިވާނެކަމަށާއި، އެކަމުގައިވެސް ވަރަށް ބޮޑު އުންމީދެއް އެބޭފުންގެ އެބައޮތް ކަމަށެވެ.

އާއިލާއިން ބުނެފައިވަނީ ރިލްވާންގެ މައްސަލައަށް އިންސާފެއް ނުލިބި މިހާލަސްވެގެން މި ދަނީ މުއައްސަސާތައް ފެއިލްވެފައިވާތީކަމަށާއި އެގޮތުން ޚާއްސަކޮށް ފުލުހުންގެ މުއައްސަސާ އާއިލާ އިން ވަނީ ފާހަގަ ކޮށްފައެވެ. އާއިލާ އިން ބުނެފައި ވަނީ ފުލުހުންގެ މުއައްސަސާއަކަށް އިތުބާރު ނުކުރާ ކަމަށާއި، އެ މުއައްސަސާގައި ރިލްވާންއަށް ފާރަލީ މީހުން އަދިވެސް ވަޒީފާގައި އުޅެމުންދާކަމަށެވެ.

މަރު ކޮމިޝަނުން މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި ރިލްވާން ވަނީ ކަނޑުމަތީ މަރާލާފައެވެ. މިކަމާއި ގުޅިގެން އާއިލާއިން ބުނެފައިވަނީ އެވާހަކަތައް އަޑު އިވުމުން ލިބުނީ ޝޮކެއް ކަމަށާއި، ރިލްވާން މަރުވި ކަމަކަށް އެއްގޮތަކަށްވެސް ޤަބޫލު ނުކުރެވޭ ކަމަށެވެ.

މަރު ކޮމިޝަނުން ވިދާޅުވެފައި ވަނީ ރިލްވާން މަރާލާފައިވަނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އައިއެސްއަށް ވާގިވެރިޔާ ހައްދުފަހަނައަޅާފައިވާ ދީނީ ހަރުކަށި ފިކުރުގެ “ޖިހާދީ ފިކުރުގެ ޖަމާއަތުން” ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ