އައްޑޫ ސިޓީ ފޭދޫގެ ހޯމް ކަރަންޓީންގައި ހުރި ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މެނޭޖަރު ޝަރަފުއް ސާދާތުއާ ހަވާލާދީ "އައްޑޫ އޮންލައިން" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ފުލުސް މީހާއަކީ މި މަހުގެ ހަވަނަ ދުވަހު އައްޑޫ އަށް އައި މީހެކެވެ.
މާލެއިން އަތޮޅުތެރޭ ރައްތަކަށް ދަތުރުކުރުމުގެ ހުއްދަ އެ ހުއްދަ ބޭނުންވާ ކޮންމެ މީހަކަށް މީގެކުރިން ދެމުން ދިޔަނަމަވެސް މިއަދުން ފަށައިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން މީހުން ރަށްރަށަށް ނުފޮނުވަން ސަރުކާރުންވަނީ ނިންމާފައެވެ.
މާލެއިން އަތޮޅުތެރޭ ރައްތަކަށް އަންނަ މީހުން ހޯމް ކަރަންޓީނުގައި 14 ދުވަސް ތިބެންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލަނީ އެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން އެ ބައްޔަށް އެމީހާ ނެގެޓިވް ވުމުންނެވެ. މިގޮތަށް ހަދާ ޓެސްޓުން މީގެކުރިންވެސް ބަޔެއް ރައްރަށުން މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ.
މިއަދުގެ މިހާތަނަށް މުޅި ޖުމްލަ 4،898 މީހުންވަނީ ކޮވިޑް-19 އަށް މުޅި ރާއްޖެއިން ޕޮޒިޓިވުވެފައެވެ. އަދި މީގެތެރެއިން 2،791 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު މިބަލީގައި 19 މީހަކުވަނީ ނިޔާވެފައެވެ.




