ނޮޅިވަރަމު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ފުޓުސަލް މުބާރާތުގެ ޗެމްޕިއަންކަން ވަސާޗީ ހޯދައިފިއެވެ. ރޭ ކުޅުނު ފައިނަލް މެޗުގައި ފައްސި ބަލިކުރީ 7-1 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗަށްފަހު، ރޭގައި ވަނީ މުބާރާތުގެ ވަނަ އިއުލާންކޮށް ނަތީޖާ ފާޅުކޮށްފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ، މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދި، ވަސާޗީގެ އަބްދުއްރަހީމް އަބޫބަކުރެވެ.


މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ފައްސީގެ އަޙުމަދު އަފްރާހުއެވެ. އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ،
- ހުސައިން އީސާ (ވަސާޗީ)
- ހުސައިން ވަސީމު (ފައްސި)
- އަޙްމަދު އަފްރާހު (ފައްސި)
- ޢަލީ ރަޝީދު (ވަސާޗީ)
- އަބްދުއްރަހީމު އަބޫބަކުރު (ވަސާޗީ)

18 ޓީމު ބައިވެރިވެ، ފޯރިގަދަ މެޗުތަކެއް ކުޅެވުނު މި މުބާރާތުގެ ޗެމްޕިއަން ޓީމަށް -/5000 (ފަސްހާސް ރުފިޔާ) އަދި ރަނަރއަޕު ޓީމަށް -/1500 (ފަނަރަ ސަތޭކަ ރުފިޔާ) ވަނީ ދީފައެވެ.

ނޮޅިވަރަމު ކައުންސިލްގެ ސްޕޯޓްސް ކައުންސިލަރ، ޝާފިޢު މުހައްމަދު ފާހަގަކުރި ގޮތުގައި މި މުބާރާތަކީ ވަރަށް ކާމިޔާބުކަމާއެކު ގެންދެވުނު މުބާރާތެކެވެ. އަދި މުބާރާތް ކަމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ރަށުގެ ރައްޔިތުންނާއި، ބައިވެރިވި ޓީމުތަކުން އަދި މުބާރާތުގެ އޮފިޝަލުންގެ ޓީމުން ދެއްވި ފުރިހަމަ އެއްބާރުލުމުގެ ސަބަބުންނެވެ. ވީމާ އެކަމަށްޓަކައި ޖުމުލަކޮށް އެންމެނަށް ޝުކުރު ދަންނަވާކަމަށެވެ. އަދި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތަކަށާއި ސްޕޮންސަރުންނަށް ޝުކުރުވެރިވާކަމަށެވެ.




