އެފްއެސްއެމް އެމްޑީ ގަސަމް ތެޔޮ ބޯޓެއްގައި ދެކުނަށް ފުރައިފި

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމް ދެކުނަށް ތެޔޮ ބޯޓެއްގައި ދަތުރު ފަށައިފިއެވެ.

މި ދަތުރަށް ފުރިކަން ހާމަކޮށް އިއްޔެ ގަސަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފްއެސްއެމްގެ "އެމްވީ ބަރުޖޯރާ"ގައި އައްޑޫ ސިޓީ ގަން، ފުވައްމުލައް ސިޓީ އަދި ގދ.ތިނަދޫއަށް ދަތުރު ފަށާފައިވާ ކަމަށެވެ.

ގަސަމްގެ މި ދަތުރު ފެށުމާއެކު މި ދަތުރަކީ، ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އަމަލުކުރަމުން އަންނަ އުސޫލާއި ހިލާފަށް ކަރަންޓީނު ނުވެ ޗުއްޓީ ހޭދަކޮށްލުމަށް ކުރާ ދަތުރެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ އަޑު ފަތުރާފައެވެ. އެގޮތަށް އެވާހަކަ ފެތުރި ފަރާތްތަކުން ބުނެފައިވަނީ ކަރަންޓީނު ނުވެ ޗުއްޓީ ހޭދަކޮށްލަން ގަސަމް ދަތުރު ފަށާފައިވަނީ އެ ކުންފުނީގެ ބޯޓެއްގައި ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން ހަޤީޤަތް ހޯދުމަށް މިނޫހުން ކުރި މަސައްކަތުން ގަސަމްގެ މި ދަތުރަކީ ޗުއްޓީ ދަތުރެއް ނޫންކަމާއި، ދަތުރު ކުރައްވަމުން ގެންދަވަނީ އެޗްޕީއޭގެ ގަައިޑްލައިންތަކާ އެއްގޮތަށްކަން ވަނީ ކަށަވަރު ކުރެވިފައެވެ. މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގަސަމް ވިދާޅުވީ، ކަނޑުމަގުން ކުންފުނީގެ ތެޔޮ ބޯޓެއްގައި ދަތުރު ކުރައްވަނީ އެޗްޕީއޭގެ ހުއްދަ ލިބިގެން މުހިންމު ބޭނުމަކު ކަމަށެވެ. މި ދަތުރުގައި ބައިވެރިވާ ފަސް ބޭފުޅުންނަށްވެސް އެޗްޕީއޭގެ ހުއްދަ ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

 

ގަސަމް ވިދާޅުވީ، މި ދަތުރުގައި އޮޕަރޭޝަންތަކާ ގުޅުންހުރި ފަންނީ މުވައްޒަފުން ހިމެނިވަޑައިގަންނަވާ ކަމަށާއި، އައްޑޫގެ ފެނަކަ އިންޖީނުގެތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ދިމާވަމުންދާ މީޓަރުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ބަލަންޖެހޭ ކަންކަން ބައްލަވައި، އެފްއެސްއެމް އައްޑޫ ސައިޓްގެ ބައުންޑަރީ ވޯލްއާއި، ޖެޓީ މަރާމާތު ކުރުމުގެ މަސައްކަތުގެ އިތުރުން އައްޑޫ، ފުވައްމުލައް އަދި ތިނަދޫ ސައިޓްގައި އާރުއެފްއައިޑީ މެޝިންތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ޓީމުން ކުރައްވާނެ ކަމަށެވެ.

މި ދަތުރުގައި ބައިވެރިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށާއި، ދަތުރުކުރާ އެއްވެސް ރަށެއްގައި ރޭ ނުކުރައްވާނެ ކަމަށް އަދި ކެއުންބުއިމުގެ ކަންކަންވެސް ހަމަޖެހިފައި ހުންނާނީ ރައްކާތެރިކަމުގެ އެންމެހާ ކަންކަމަށް ބައްލަވައިގެން ކަމަށެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގަސަމްގެ މި މުހިންމު ތަޖުރިބާ ދަތުރުގައި އައްޑޫ ސިޓީ ގަމުގައި ދެ ދުވަހު އަދި ފުވައްމުލައް އަދި ގދ.ތިނަދޫގައި ގާތްގަނޑަކަށް 4 ގަޑިއިރު ހޭދަކުރުމަށް ހަމަޖެހިފައިވާއިރު، ދަތުރާއި ބެހޭ އެންމެހާ މަޢުލޫމާތު އެ ރަށްތަކުގެ ކައުންސިލްތަކަށް ފޯރުކޮށްދީފައިވެއެވެ.

މި ތަޖުރިބާ ދަތުރުގެ ސަބަބުން ފިއުލް ސަޕްލައި މޯލްޑިވްސްގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެ، އޮޕަރޭޝަން ސެންޓަރުތައް އިތުރަށް ތަރައްޤީ ކުރެވިގެންދާނެ ކަމަށް އެ ކުންފުނީގެ އެމްޑީ މުޙައްމަދު ގަސަމް ވިދާޅުވިއެވެ. ހަމައެއާއެކު ކުންފުނީގެ މައިގަނޑު އޮޕަރޭޝަން ހިނގަނީ ކަނޑުމަތީގައި ކަމަށްވާއިރު، މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި ކުންފުނީގެ ތެޔޮ ބާޖެއްގައިވެސް ދަތުރު ފައްޓަވާނެކަމަށް ގަސަމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
532
ގުޅުންހުރި ލިޔުންތައް

2 Responses

  1. އަހްމަދު

    ކޮންމެ މީހަކަށްވެސް ދެވޭނެ. ކޮން ކޯވިޑް އެއް، ދާނަން

    3
    2
    • މީހެއް

      އެހެން… ދޭބަލަ ނިކަން. މަ ބަލާނަން ދެވޭތޯ..ބަދިގެއިން ފާހާނާއަށް ތޯއްޗެ ދެވޭނީ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ