އެފްއެސްއެމްއަށް ސަޕްލައި ނުކުރެވި ހުވަދު އަތޮޅުން ޕެޓްރޯލް ހުސްވެއްޖެ

ސަރުކާރުގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ސަޕްލައި ނުކުރެވި ހުވަދު އަތޮޅުން ޕެޓްރޯލް ހުސްވެއްޖެއެވެ.

ހުވަދު އަތޮޅުން ޕެޓްރޯލް ހުސްވެފައިވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން އެފްއެސްއެމްގެ ބޯޓަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ހުވަދު އަތޮޅަށް ޕެޓްރޯލް ފޯރުކޮށްދެެވިފައި ނުވާތީއެވެ.

މިކަމާ ގުޅިގެން ހުވަދޫ ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޓެގްކުރައްވައި ޓްވިޓަރގައި ކަންބޮޑުވުން ފާޅުކުރި އަޙްމަދު ނާޝިދު ބުނެފައިވަނީ، ހުވަދޫގެ ގިނަ ރަށްތަކުން ޕެޓްރޯލް ހުސްވެފައިވާ ކަމަށާއި، އެފްއެސްއެމްއިން ވިޔަފާރިވެރިން ގަންނަ ޕެޓްރޯލް ރަށްރަށަށް ނޭޅި ދެ ހަފްތާ ވެފައިވާ ކަމަށެވެ.

ހުވަދު އަތޮޅުން ޕެޓްރޯލް ހުސްވުމާއި ގުޅިގެން، އެ އަތޮޅު ވާދޫގައި ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ޖިއޯވޭވް އިން ވަނީ ނޫސްބަޔާނެއް ނެރެ ކަން ހިނގާފައިވާގޮތް ހާމަކޮށްފައެވެ.

"ގދ. ވާދޫގައި މި ކުންފުނިން ހިންގަމުންދާ ޕެޓްރޯލް ޝެޑުން މިއަދު ޕެޓްރޯލް ހުސްވެފައިވަނީ، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ބޯޓަކަށް ދިމާވި މައްސަލައަކާއި ގުޅިގެން، މިކުންފުނިން ދީފައިވާ އޯޑަރަށް އެ ކުންފުންޏަށް ޕެޓްރޯލް ފޯރުކޮށް ނުދެވި ގިނަ ދުވަސްތަކެއް ވެފައިވުމާއި ގުޅިގެން ކަމުގައި ދަންނަވަން." ޖިއޯވޭވްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޖިއޯވޭބްގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، ވާދޫ ޕެޓްރޯލް ޝެޑަށް ޕެޓްރޯލް ޑެލިވަރކުރުމަށް އެ ކުންފުނީގެ އުޅަނދެއް މިހާރު ވަދޫއަށް ދަތުރުކުރަމުންދާ ކަމަށާއި، އެ ކުންފުނީގެ ވާދޫ ޝެޑުން ޚިދުމަތް ހޯއްދަވާ އެންމެހާ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށެވެ.

މިކަމާއި ގުޅިގެން އެފްއެސްއެމްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ފޯނު ނުނަންގަވާތީ ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ