އުމުރާގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް ސައުދީ އަރަބިއްޔާއަށް ދެވޭނެ ފުރުސަތު ހުޅުވާލުމަށް މަޝްވަރާތައް ކުރަމުންދާކަމަށް އެގައުމުން ބުނެފިއެވެ.
ސައޫދީ އަރަބިއްޔާގެ ރަސްމީ ނޫސްއެޖެންސީ ބުނާގޮތުން ސައޫދީގައި ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތަށް ބަލައިގެން އުމުރާގެ ދަތުރުތަކަށް ހުއްދަ ދިނުމާބެހޭ މަޝްވަރާތަކެއް ހައްޖާއި އުމުރާގެ ކަންތައްތަކާބެހޭ ވުޒާރާއިން ގެންދަނީ ސައޫދީ ސިއްހަތާބެހޭ ވުޒާރާއާ އަދި އާންމު ސިއްހަތާބެހޭ އިދާރާތަކާ އެކު ކުރަމުންނެވެ.
މިފުރުސަތު ދެނީ ވަކި އަދަދެއްގެ ބަޔަކަށް ކަމަށާއި އޭގެ ތެރޭގައި ސައުދީގެ ރައްޔިތުންނަށް އިސްކަން ދެވޭނެ ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބޭގޮތުގައި އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއިން ފުރުސަތުދޭނެ ޕްލޭނެއް އެކުލަވާލައި, އެކަން ހަފުތާއެއްގެ ތެރޭ އާންމު ކުރާނެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ސައޫދީ ސަރުކާރުންވަނީ އުމުރާގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.



