ޤައުމީ އެއާލައިނުން މިމަހު ޢުމްރާދަތުރުތައް ފަށަނީ

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން މިމަހުގެ ފަހުކޮޅު ޢުމްރާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މިއީ މިއަހަރުގެ ޙައްޖު މޫސުމުގައި އެ ކުންފުނިން ކުރި ދަތުރުތަކާ ގުޅިގެން ގިނަ އަދަދެއްގެ ޢުމްރާ ކުންފުނިތަކުން އެދެމުންދާ ޚިދުމަތެކެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވި ގޮތުގައި، މިއީ އެ ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އަޅާ ފިޔަވަޅެކެވެ. "މިމަހު ފަހު ހަފްތާގައި އަޅުގަނޑުމެން ފްލައިޓްސްތަކެއް އެބަ އަޅަން އުމްރާއަށް އަދި މިއަހަރުގެ އެކި މުއްދަތުތަކުގެ ތެރޭގައިވެސް އުމްރާ ދަތުރުތައް ކުރަމުންދާނަން،" އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަންއިން މަޢުލޫމާތު ދެއްވި ގޮތުގައި، ޢުމްރާ ދަތުރުތައް ކުރުމަށް މިވަގުތު ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުންޏަކަށެވެ. ހައްޖު ކޯޕަރޭޝަނަށް ކޮށްދޭ ޢުމްރާ ދަތުރުތައް އޮންނާނީ މިމަހުގެ 22 އާއި 27 ވަނަ ދުވަހުގެ ދެމެދުގައެވެ.

މި ދަތުރުތައް ކުރުމަށް ބޭނުންކުރާނީ މިއަހަރު އެ ކުންފުންޏަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަންއިން ވަނީ ހާމަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިއަހަރުގެ ޙައްޖު މޫސުމުގައި މޯލްޑިވިއަންއިން ވަނީ ސައުދީ އަރަބިއާއަށް ދެ ދަތުރު ކޮށްފައެވެ. މި ދަތުރުތަކުގައި ދަތުރުކުރި ހައްޖާޖީން ވަނީ ޤައުމީ އެއަރލައިންގެ ޑައިރެކްޓް ފްލައިޓްތަކުގެ ސަބަބުން ލިބުނު ފަސޭހައާއި ވަގުތު ސަލާމަތްވުމުގެ ކަންކަން ފާހަގަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ