ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ވިހަ ދީފައިވަނީ އޭނާ ސައިބީރިއާގައި ހުރި ހޮޓަލެއްގެ ފެންފުޅިޔެއްގެ ތެރެއަށް އަޅައިގެން ކަން އެންމެފަހުގެ ހޯދުންތަކުން ދައްކައިފިއެވެ.
ނަވަލްނީއަށް ވިހައިގެ އަސަރު ކޮށްގެން ފަރުވާ ދޭން ޖެހުނީ މިދިޔަ މަހުގެ 20 ގައި ސައިބީރިއާއިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި ހުންނަވަނިކޮށް ހޭނެތުމުންނެވެ. އޭގެ ފަހުން ސައިބީރިއާގެ އޮމްސްކްގެ ހޮސްޕިޓަލެއްގައި އޭނާއަށް ދެ ދުވަހަށް ފަރުވާ ދިނުމަށް ފަހު، ޖަރުމަނުގެ ބާލިންގެ ހޮސްޕިޓަލަކަށް ވަނީ ގެންގޮސްފަ އެވެ.
ޖަރުމަނުގެ ބާލިންގައި ނަވަލްނީއަށް ފަރުވާދެމުން އަންނައިރު މިހާރު އޭނަގެ ހާލު ރަނގަޅެވެ. އޭނާ އަށް ފަރުވާދިން ހޮސްޕިޓަލުން ބުނެފައިވަނީ ނަވަލްނީގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މިހާރު އޭނާއަށް ހެލުފެލިވެ އުޅެވޭ ކަމަށެވެ.
ނަވަލްނީއަށް ވިހަ ދީފައިވަނީ ކޮންއިރަކު ކަމާއި ގުޅޭގޮތުން ނަވަލްނީގެ ޓީމުން އެންމެފަހުން ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، މީގެކުރިން ގަބޫލުކުރެވުނު ގޮތާއި ހިލާފަށް ނަވަލްނީއަށް ވިހަދީފައިވަނީ އޭނާ ސައިބީރިއާގައި ހުރި ހޮޓަލުގެ ތެރެއިން ކަމަށް މިހާރު ގަބޫލު ކުރެވޭ ކަމަށެވެ. މިގޮތުން ނަވަލްނީ ހުރި ހޮޓަލުގެ ރޫމުތެރޭގައި ހުރި ފެންފުޅިއެއްގެ ތެރެއިން ނަވަލްނީއަށް ދީފައިވާ ވިހަ ކަމަށްވާ ނޮވިޗޮކް ގުރޫޕުގެ ކެމިކަލް ނާވް އޭޖެންޓުގެ އަސަރު ފެނިފައިވާ ކަމަށެވެ.
މީގެކުރިން ގަބޫލު ކުރެވިފައިވަނީ ނަވަލްނީއަށް ވިހަ ދީފައިވަނީ އޭނާ ސައިބީރިއާއިން މޮސްކޯއަށް ދިޔުމަށް އެއާޕޯޓަށް ގޮސް ހުއްޓައި ކަމަށެވެ. ނަވަލްނީއަކީ ރަޝިއާގެ އެންމެ އިސް އިދިކޮޅު ލީޑަރެވެ. ނަވަލްނީގެ ޓީމުން ތުހުމަތު ކުރަނީ ނަވަލްނީއަށް ވިހަ ދީފައިވަނީ ރަޝިއާގެ ރައީސް ވޮލްޑިމިއާ ޕުޓިންގެ އަމުރަށެވެ. ނަމަވެސް ޕުޓިން މިކަން ދޮގުކުރެއެވެ.




