މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކުވެސް ބާއްވާ ނޫސްވެރިކަމުގެ އިނާމުގެ 2019 އަށް ލިބިފައިވާ ހުށަހެޅުންތައް އިންސާފު ކުރުމަށް ޓަކައި ފަނޑިޔާރުންގެ ޕެނަލެއް ކަނޑައަޅައި އެ ފަރާތްތަކާ އެ މަސައްކަތް ހަވާލުކޮށްފިއެވެ.
އެމްއެމްސީ އިން އެކުލަވާލި ފަނޑިޔާރުންގެ ޕެނަލްގައި ޖުމްލަ 5 ބޭފުޅަކު ހިމެނެއެވެ. އެގޮތުން ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ 5 ބޭފުޅުންނަކީ އަލްފާޟިލް ޢަބްދުﷲ ނަޢީމް އިބްރާހިމްއާއި، އަލްފާޟިލް ޢަބްދުﷲ ނާޝިދާއި، އަލްފާޟިލް ޢަލީ ނިޝާންއާއި، އަލްފާޟިލް މުޙައްމަދު އަފްރާހުގެ އިތުރުން އަލްފާޟިލާ އަޝްވާ ފަހީމެވެ.
މީޑިއާ ކައުންސިލުން ވިދާޅުވެފައި ވަނީ އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު އުންމީދީ ނޫސްވެރިޔާގެ ބަޔަށް ލިބިފައިވާ ހުށައެޅުންތަކަށްވެސް އިންސާފު ކުރައްވާނީ މި ފަނޑިޔާރުންގެ ޕެނަލުންކަމަށެވެ.
ޢަބްދުﷲ ނަޢީމް އަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއަށް އެކި ގޮތްގޮތު ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އާފަތިސް ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އެ ނޫސް ހިންގުމުގައި އޭނާ ގެންދަވަނީ އިސް ދައުރެއް އަދާކުރައްވަމުންނެވެ. ނޫސްވެރިކަމުގެ އިނާމުގެ ޖަޖުންގެ ޕެނަލްގައި އޭނާ މަސައްކަތް ކުރައްވާތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.
އަލްފާޟިލް ޢަބްދުﷲ ނާޝިދު އަކީ ސަރުކާރުގައި 25 އަހަރު ޚިދުމަތް ކުރައްވާފައިވާ އަދި ހާރިޖީ ދާއިރާގައި 18 އަހަރު ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ. ޓީވީ މޯލްޑިވްސްގެ ނިއުސް ރޫމްގެ އިސްވެރިއެއްގެ ގޮތުގައި 8 އަހަރު ދުވަސް ވަންދެން ނާޝިދު މަސައްކަތް ކުރެއްވިއެވެ. އަދި ނޫސްވެރިކަމުގެ އިނާމުގެ ޖަޖުންގެ ޕެނަލްގައި އޭނާ މަސައްކަތް ކުރައްވާތާ ވަނީ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.
އަލްފާޟިލް ޢަލީ ނިޝާނަކީ ފޮޓޯގްރަފީގެ ދާއިރާގައި ރާއްޖޭގައި މަޝްހޫރު ނަމެކެވެ. އޭނާގެ ކެރިއަރު ފެށިފައި ވަނީ، ހަވީރު ނޫހުގައި ފޮޓޯ ޖާނަލިސްޓެއްގެ ވަޒީފާއިންނެވެ. ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި އޭނާ ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯދާފައިވެއެވެ. މިހާރުވެސް އޭނާ އަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދާއިރާއިން ފްރީލޭންސްކޮށް މަސައްކަތް ކުރައްވާ ފަރާތެކެވެ. އަދި ފޮޓޯގްރަފީގެ ދާއިރާއިން މީހުން ތަމްރީން ކުރެއްވުމުގެ މަސައްކަތް ވެސް ކުރައްވައެވެ.
އަލްފާޟިލް މުޙައްމަދު އަފްރާހު ވަނީ ޓީވީ މޯލްޑިވްސްގައި ސީނިއަރ އެޑިޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި ބްރޯޑްކާސްޓިންގ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯދާފައެވެ.
އަޝްވާ ފަހީމް އަކީ މެލޭޝިއާގެ ސެވީ ޔުނިވަރސިޓީއިން ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވާ ފަރާތެކެވެ. އަދި އިނގިރޭސިވިލާތުގެ ދި މޮންޓްފޯޑް ޔުނިވަރސިޓީއިން އޭނާ ވަނީ ފޮޓޯގްރަފީގެ ދާއިރާއިން މާސްޓަރޒް ހާސިލް ކުރައްވައިފައެވެ. އެއަށްފަހު، އޭނާ ވަނީ ވީޑިއޯ ޖާނަލިސްޓް އަދި ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި ރާއްޖެޓީވީގައި މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ރޮއިޓާސް ފަދަ ބައިނަލްއަޤުވާމީ ނިއުސް އެޖެންސީތަކަސް ފްރީންލާންސްކޮށް ފޮޓޯ ނަގައި ދިނުމާއި ފްރީލާންސްކޮށް ވީޑިއޯ ޖާނަލިޒަމްގެ މަސައްކަތްތައް އޭނާ އަންނަނީ ކުރައްވަމުންނެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަށް 80 ފަރާތަކުން ވަނީ ކުރިމަތިލައްވާފައެވެ.



