ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ މަޤާމަށް ހޮވުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ނިންމެވި ދެބޭފުޅުންނަށް ރައީސް ޞޯލިޙް މަރުޚަބާ ދަންނަވައިފިއެވެ.
މަޖިލީހުގެ ރައީސްގެ މަޤާމަށް ހޮވުމަށް ޕީޖީ ގްރޫޕުން ނިންމެވީ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުއެވެ. އަދި މަޖިލީހުގެ ނައިބު ރައީސަކަށް ހޮވުމަށް މަޖިލީހަށް ފޮނުވުމަށް ނިންމެވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ.
މިދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުވުމަށް ވިޕެއް ނެރުމަށް މިރޭ ފާސްކޮށްފައިވަނީ އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕްގެ އިއްތިފާޤުންނެވެ.
ރައީސް ނަޝީދު އަދި އީވާއަށް މަރުޚަބާ ދެންނެވުމުގެ އިތުރުން ރައީސް ޞޯލިޙް ވަނީ އެމްޑީޕީ ޕީޖީ ގްރޫޕަށްވެސް މަރުޚަބާ ދަންނަވާފައެވެ. ރައީސް ޞޯލިޙް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ހައްޤުގައި އައު މަޖިލީހުގެ މެންބަރުންނާއެކު ކުރިއަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
As MDP’s most senior official, I offer my warm congratulations to Pres. @MohamedNasheed and MP @evattey for securing the nomination for Majlis Speaker and Deputy respectively. Congrats also to the PG Group. I look forward to work with the new Majlis on behalf of all Maldivians.
— Ibrahim Mohamed Solih (@ibusolih) May 27, 2019
މަޖިލިސް ރައީސަކު ހޮވުމަށް ކުރެވުނު ފޯރިގަދަ ކެމްޕޭނުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްއާއި ރައީސް ނަޝީދުއާ އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އެއްވެސް މިންވަރަކަށް ހީނަރުނުވާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.




