ހދ. ނައިވާދޫ ސިއްޙީ މަރުކަޒުގެ މައި ދޮރު، ފިލާގަނޑަކަށް މޮހޮރުޖަހާ ބަންދުކޮށްފިއެވެ.
ނަވައިދޫގެ ކައުންސިލުގެ ރައީސް މި ނޫހަށް މައުލޫމާތުދެމުން ވިދާޅުވީ، މިކަން ހިނގީ ރޭ 12:30 ހާއިރުކަމަށެވެ. އަދި މި ފިލާގަނޑު މިހާރު ނައްޓާލަފިކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
4 ފޫޓް 8 ފޫޓްގެ ފުލައިވުޑް ފިލައެއްގައި ސިއްހީ މަރުކަޒުގެ ދޮރުގައި މޮހޮރު ޖަހާ ހަރުކޮށްފައިވާއިރު، ފިލާގަނޑުގައި ލިޔެފައިވަނީ، "ކޮބާ ނައިވާދޫއަށް ދޭންބުނި އެންބިއުލާންސް" މިހެންނެވެ.
މައުލޫމާތު ލިބޭގޮތުގައި، މި އަމަލު ހިންގީ ކޮންބައެއްކަމެއް ނޭނގެއެވެ. އަދި އެތަނުގައި ޑިއުޓީ އަދާކުރަން ހުރި ވޮޗަރަށްވެސް މިކަން ހިނގާދިޔަކަން ނޭނގޭކަމަށް މައުލުމާތުލިބިފައިވެއެވެ.
މީގެ އިތުރުން މައުލުމާތު ލިބޭގޮތުގައި، އެ ރަށު ސިއްޙީ މަރުކަޒުގެ އެމްބިއުލެންސް ހަލާކުވެފައި އޮންނަތާ ވަރަށް ދުވަސްވެފައިވާއިރު، އެމްބިއުލެންސްގެ ޙިދުމަތް އޮތީ ހުއްޓިފައެވެ.




