"ރަސް ތުނޑި" އާއިއެކު ނައިވާދޫއަށް އިތުރު ދިރުމެއް!

ރާއްޖޭގެ އުތުރުން އޮންނަ، ހދ. ނައިވާދޫއަކީ އާބާދީ މަދު ބިން ކުޑަ ނަމަވެސް، ގުދުރަތީ ގޮތުން ރީތި ރަށެކެވެ. ރީތީ ވިލަކާއި ހިތްގައިމު ދޮންވެލީގެ ތުޑިއަކީ ރަށުގެ ގުދުރަތީ މުއްސަނދިކަމަށް ލިބިގެންދާ އިތުރު ފުރިހަމަކަމެކެވެ. ނައިވާދޫގެ ހީވާގި ޒުވާނުންް އިސްނަގައިގެން ތައްޔާރުކޮށް "ރަސް ތުނޑި" ގެ ނަމުގައި ހުޅުވި ހިތްފަސޭހަ ބީޗަކީ އެރަށުގެ ފުރިހަމަކަމަށް އިތުރުވެގެންދިޔަ ބޮޅެކެވެ.

ހދ ނައިވާދޫ ޒުވާނުން އެރަށުގެ އުތުރުކޮޅު ތުނޑި ސަރަހައްދުގައި ތަރައްގީކުރި ބީޗް އޭރިޔާ "ރަސް ތުނޑި" ހުޅުވައި ކައުންސިލާ ހަވާލުކޮށްފިވަނީ ގައުމީ ދުވަހު ހަވީރު އެ ދުވަހުގެ މުނާސަބަތުގައި އެސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިވާދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ ޝަރީފެވެ.

ނައިވާދޫ ޒުވާނުން ތައްޔާރުކުރި " ރަސްތުނޑި" ބީޗް ހުޅުވުމުގެ ރަސްމިޔާތުގެ ތެރެއިން

ނައިވާދޫ އުތުރުކޮޅު ތުނޑި ސަރަހައްދުވަނީ ޕިކްނިކް އޭރިއާއަކަށް ބަދަލުކޮށް ހިތްފަސޭހަކަމާއިއެކު ތިބެލެވޭނެގޮތައް ތައްޔާރުކުރެވިފައިކަމަށާއި މި މަސައްކަތައް ބޭނުންވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ކައުންސިލާއި ރަށުގެ އިސްވެރިން އަދި ރައްޔިތުންގެ ފަރާތުން ލިބުނު ކަމަށް ނައިވާދޫ ޒުވާނަކު މައުލޫމާތުދެއްވިއެވެ. އަދި މަސައްކަތައް ބޭނުންވާ ހިދުމަތްތައްވެސް ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަކަމަށް އެޒުވާނާ ވަނީ ބުނެފައެވެ.

ނައިވާދޫ ޒުވާނުން ތައްޔާރުކުރި " ރަސްތުނޑި" ބީޗް

މި ޕިކްނިކް އޭރިއާ ބޭނުންކުރުމަށް ރަށުން ބޭރުން އަންނަ ފަރާތްތައް ރަށު ކައުންސިލުން ހުއްދަ ނަގަންޖެހޭނެއެވެ. އަދި ދަތުރު އަންނަ ހުރިހާ ފަރާތްތަކުންވެސް ތަނުގެ ސާފަތާހިރުކަމަށް ސަމާލުކަން ދިނުމާއި ތަން ރަނގަޅަށް ބެލަހެއްޓުމަކީ ނައިވާދޫ ޒުވާނުންގެ އެދުމެކެވެ.

ނައިވާދޫ ޒުވާނުން ތައްޔާރުކުރި " ރަސްތުނޑި" ބީޗް

ގައުމީ ދުވަހާއި ގުޅުވައިގެން އިއްޔެ ރަސްތުންޑި ހުޅުވުމުގެ ރަސްމިއްޔާތައް ރަށުގެ ކުދިބޮޑު އެންމެން ގައުމީ ހެދުމުގައި ގޮސްފައިވުމަކީ އެރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން ދައްކުވައިދިން ވަރުގަދަ ރަމްޒެކެވެ.

ނައިވާދޫއަކީ ދަތުރު ދިއުމަށް ރީތި ރަށަކަށްވުމުން ހދ. އަތޮޅުގެ ގިނަ ރައްތަކުން އަބަދުވެސް ދަތުރު ދިއުމުގެ މަންޒިލެއްގެ ގޮތުގައި ނާވައިދޫ ދަނީ އިހުތިޔާރުކުރަމުންނެވެ. އެގޮތުން އިއްޔެ ނައިވާދޫގައި ހުޅުވިގެންދިޔަ ރަސްތުނޑި ވެގެންދާނީ ހދ. އަތޮޅުގެ އިތުރުން ކައިރި އެހެން އަތޮޅުތަކުގެ މީހުންވެސް ދަތަުރު ދިއުމަށް ބޭނުންވާފަދަ ހިތްގައިމު މަންޒިލަކަށެވެ. މިއީ ނައިވާދޫގެ ތަރައްގީއަށާއި ކުރިއެރުމަށްވެސް ހުޅުވިގެންދާނެ ދޮރަކަށްވާނެކަން ޔަގީނެވެ.

ނައިވާދޫ ޒުވާނުން ތައްޔާރުކުރި " ރަސްތުނޑި" ބީޗް

ރަށްފުށުގެ ހިތްގައިމު އަތިރިމަތީގައި ޖެހެމުންދާ ނަލަ ރޯޅިޔާއި އަދި ގޮނޑުދޮށަށް ބިންދާލާ ރާޅުގެ އެކި ރާގުތަކުން އިއްވަމުންދަނީ ނައިވާދޫގެ ހިތްގައިމުކަން ދެކިލުމަށް ޒިޔާރަތް ކުރުމަށް އަރުވަމުންދާ ދައުވަތެއްގެ ގޮތުގައެވެ.

އާއިލާއާއި ރަށްޓެހިންނާއެކު މަޖާކޮށްލާ ހިތްހަމަޖެޙެ އުފާވެރި ވަގުތުތަކެއް ހޭދަކޮށްލަން ބޭނުންނަމަ ނައިވާދޫގެ ރަސްތުނޑިން އެ ހިތްހަމަޖެހުން ލިބޭނެކަން ޔަގީނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ