ކުވޭތުގެ އަމީރް ޝެއިޚް ސަބާހް އަލް-އަހުމަދު އަލް-ޖަބްރް އަލް ސަބާހް އަވަހާރަވެއްޖެއެވެ.
ޝެއިޚް ސަބާހް އަވަހާރަވެފައިވަނީ އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ.
1929 ވަނަ އަހަރު އުފަންވި ޝެއިޚް ސަބާހް ފާހަގަކޮށްލެވެނީ ކުވޭތު މިހާރު މިދެކޭ ޒަމާނީ ޚާރިޖީ ސިޔާސަތުގެ ހަގީގީ މޭސްތެރިޔާގެ ގޮތުގައެވެ.
ކުވޭތުގެ ބޮޑު ވަޒީރުކަންވެސް ކުރައްވާފައިވާ ޝެއިޚް ސަބާހް އެޤައުމުގެ ފޮރިންގ މިނިސްޓަރުކަން ގާތްގަނޑަކަށް 40 އަހަރު ވަންދެން ކުރައްވާފައިވެއެވެ. ޝެއިޚް ސަބާހް ކުވޭތުގެ ފޮރިންގ މިނިސްޓަރުކަން ކުރައްވާފައިވަނީ 1963 ން 2003 ކަށެވެ.
ކުވޭތުގެ އަމީރުކަމުގެ މަގާމާއި ޝައިޚް ސަބާހް ހަވާލުވެވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ. އެއީ ޝައިޚް ޖަބާރް އަލް-ސަބާހް އަވަހާރަވުމާއި ގުޅިގެންނެވެ.
2019 ވަނަ އަހަރުގެ އޮގަސްޓްމަހު ދިމާވި ސިއްޙީ މައްސަލަތަކެއްގެ ސަބަބުން ޝެއިޚް ސަބާހް އެޑްމިޓްކުރަން ޖެހިވަޑައިގެންފައިވާއިރު، ސާޖަރީއެއް ހެދުމަށްޓަކައި ޝެއިޚް ސަބާހް އެމެރިކާއަށް ވަޑައިގެންފައިވަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ކުވޭތުން އެމެރިކާއަށް ޝެއިޚް ސަބާހް ގެނެސްފައިވަނީ، އެމެރިކާ ސިފައިން ހޮސްޕިޓަލެއްގެ ގޮތުގައި ފަރުވާދިނުމަށް ބޭނުންކުރާ މަތިންދާ ބޯޓެއްކަމަށްވާ "ޔޫއެސް އެއަރފޯސް ސީ-17" ގައެވެ.




