އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ އެންމެން ހާމަކުރުމަށް އަދާލަތުޕާޓީއިން ގޮވާލައްވަައިފިއެވެ.
އަދާލަތު ޕާޓީން ހިޔާނާތުގައި ޝާމިލްވާ އެންމެން ހާމަކުރުމަށް ގޮވާލައްވާފައިމިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން މަންފާނުވާ ޕާޓީއެއް ނުހުންނާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރިއަތުގެ މަޖިލީހުގައި ބުނުމާއި ގުޅިގެން، އެޕާޓީން އެފަދަ މަންފާއެއް ހޯދާފައިނުވާނެ ކަމަށް ބުނަމުންނެވެ.
"އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ އެންމެހައި ފަރާތްތަކާއި، ހިންގާފައިވާ އެންމެހައި މުއާމަލާތްތަކުގެ ތަފްސީލް ކަމާ ގުޅުންހުރި މުއައްސަސާތަކުން ލަސްނުކޮށް ހާމަކުރުމަށްވެސް މި ފުރުސަތުގައި އަދާލާތު ޕާޓީގެ ފަރާތުން ގޮވާލަމެވެ" އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން އަދާލަތު ޕާޓީން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަދާލާތު ޕާޓީން ވިދާޅުވީ މި ހިޔާނާތުގެ ތެރެއިން ހޯދި ކަމަށް ތުހުމަތު ކުރާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާއެއްވެސް އެ ޕާޓީ އިން ހޯދާފައި ނުވާނެ ކަމުގެ ޔަގީންކަން އަދާލަތު ޕާޓީގެ އެންމެހާ މެމްބަރުންނަށާއި ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.
އަދާލަތުޕާޓީން އިތުރަށް ވިދާޅުވީ ކުރީގެ ނައިބުރައީސް ހިންގަވަމުން ގެންދެވި ޣައިރު ޤާނޫނީ ކަންކަމުގެ ވާހަކަ އެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެ އެންމެ ފުރަތަމަ ދެއްކީވެސް އަދާލަތު ޕާޓީން ކަމަށެވެ. އަދި އެ ޕާޓީއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމުގައި ހިންގަމުންއައި ޚިޔާނާތާއި ކޮރަޕްޝަންގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދެއްކި ޕާޓީކަމަށެވެ.




