ހދ. ކުރިނބީ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މިއަދު ކުރިނބީ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ، ހދ. ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ.
ކުރިނބީ މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާކަން ހާމަކޮށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވު ކޭސްއަކާއި ގުޅިގެން ކުރިނބީ މޮނިޓަރިންނަށް ގެނެސްފައިވާ ކަމަށެވެ.
ކުރިނބީ މޮނިޓަރިން ހާލަތައް ގެނެސްފައިވާކަން އަންގައި ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިނބީ ކައުންސިލަށް މިރޭ ފޮނުވި ލިޔުމުގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކުރިނބީ މޮނިޓަރިންނަށް ލައިފައިވާ ކަމަށެވެ.
މިހެންކަމުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މިހާރުވަނީ މަނާކޮށްފައެވެ.
މީގެކުރިންވެސް ކުރިނބީއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވުވެފައި ވެއެވެ. އެފަހަރު ކުރިނބީއިން ޕޮޒިޓިވުވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.




