އިންޑިޔާ ސަރުކާރާއެކު މި ސަރުކާރުން ހަދާފައިވާ އަދި އާކޮށްފައިވާ ހުރިހާ އެގްރީމެންޓެއްގެ ތަފްޞީލް ހާމަކުރުމަށް ސަރުކާރަށް ގޮވާލާ، ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށައެޅި ކުއްލި މައްސަލަ އެޖެންޑާ ނުކުރަން ނިންމައިފިއެވެ.
ޝިޔާމް ހުށައެޅި ކުއްލި މައްސަލަ ކުއްލި މައްސަލައިގައި ބުނެފައިވަނީ، ދިވެހިރާއްޖެއާއި އިންޑިޔާއާއެކު ވެފައިވާ އެކިއެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާފަދަ ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްހިނދު، ބޭރު އެއްވެސް ޤައުމެއްގެ ސިފައިން ދިވެހިރާއްޖޭގައި ތިބުމަކީ ދިވެހި ލޮބުވެތި އެއްވެސް ރައްޔިތަކު ބޭނުންވާ ކަމަކަށް ނުވާކަމަށެވެ.
އިންޑިޔާގެ ހެލިކޮޕްޓަރުތައް ދުއްވަން 50 އަށް ވުރެ ގިނަ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި، މިހެލިކޮޕްޓަރުތައް ދުއްވަން 10 އަހަރު ތެރޭގައިވެސް ދިވެހި ޕައިލެޓުން ތަމްރީންކޮށްފައި ނުވުމާއި، 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އެއަރޕޯރޓް ބޮޑުކުރުމުގެ މަޝްރޫޢު އިންޑިޔާ ސަރުކާރުން ކުރާގޮތަށް އެއްބަސްވެފައިވުމާއި، އަދި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ގެ ދަށުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމްއެއް އަޅަން ނިންމާފައިވާކަން އިންޑިޔާއިން ހާމަކޮށްފައިވާއިރު މިހާ ބޮޑު ހޭދައެއް ކޮށްގެން ސްޓޭޑިއަމްއެއް ރާއްޖޭގައި އަޅަން ޖެހުނީ ކީއްވެކަން ރައްޔިތުން ސާފުކުރަން ބޭނުންވާތީއާއި މި ދެ އެއްބަސްވުމުގައި ހިމެނޭ ނޭ އެއްވެސް ކަމެއް ރައްޔިތުންނަށް ހާމަކޮށްދީފައި ނުވާ ކަމަށް މި ކުއްލި މައްސަލަިގައި ބުނެފައި ވެއެވެ.
އަދި އިންޑިޔާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ޑޯނިއާ މަތިންދާބޯޓު ދުއްވާ މަރާމާތު ކުރަންވެސް އިންޑިޔާގެ އެތައް ސިފައިންނެއް ރާއްޖޭގައި ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވުމާއި، މިއެއްބަސްވުމުގައި ޝަރުތު ކޮށްފައިވަނީ ކޮންކަމެއްކަން ހާމަކޮށްފައިނުވުމާއި، އައްޑޫ ސިޓީގައި ޤާއިމްކުރާ މަރުކަޒާ ގުޅިގެންވެސް މިހާރު ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުންތަކެއް އޮތުމާއި، ދާދި ފަހުން ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިޔާއިން ރާއްޖެއަށް 250 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާއިރު، މިލޯނުގެ ތަފްސީލެއްވެސް ހާމަކޮށްފައި ނުވާ ކަމަށް ބުނެފައި ވެއެވެ.
މި ކުއްލި މައްސަލަިގައި އިތުރަށް ބުނެފައި ވަނީ، މިސަރުކާރުން ވެރިކަމާ ޙަވާލުވެ، އިންޑިޔާއާއެކު ވެފައިވާ އަދި އާކޮށްފައިވާ އެއްވެސް އެއްބަސްވުމެއްގެ ތަފްސީލް މިހާތަނަށް ހާމަކޮށްފައިފައިނުވާތީއާއި، އިންޑިއާގެ ސިފައިން ރާއްޖޭގައި ދާއިމީކޮށް ބޭތިއްބުމުގެ ބަދަލެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނު ދިނުމަށް ތައްޔާރަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވުމާ، އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން އަޑިނޭނގޭ ކަންތައްތަކެއް ކުރަމުންދާ ކަމުގެ ޝައްކު ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާތީއާއި މިކަމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުމަށް ބުރޫ އަރާނެތީ އިންޑިޔާ ސަރުކާރާއެކު މި ސަރުކާރުން ހަދާފައިވާ އަދި އާކޮށްފައިވާ ހުރިހާ އެގްރީމެންޓެއްގެ ތަފްޞީލް ހާމަކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.



