އަންހެނަކަށް ހަލަމާދީ ހަޑި ހުތުރު ބަހުން މުޢާމަލާތު ކުރުމަކީ އަންހެނުންނަށް ރައްކާތެރިކަން ދިނުމަށް ހެދިފައިވާ ޤާނޫނުތަކާ ޚިލާފު ވަރަށް ހަޑިމުޑުދާރު އަމަލެއް ކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ވިފަދައިން ވިދާޅުވެފައިވަނީ، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން، މާފަންނު މަދަރުސާގައި ހުރި ފްލޫ ކްލިނިކް ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާ ކުއްޖަކަށް ހަމަލާދީ މާރާމާރީ ހިންގިކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކުރުމާއި ގުޅިގެންނެވެ.
ފުލުހުން މިއަދު ވިދާޅުވިގޮތުގައި ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ ތެރޭގައި ސާމްޕަލް ނެގި މީހާއަށް ހަމަލާދިން މައްސަލައެއް ރޭ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ރެޕިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ރޭ ދިން ޙަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، މިކަން ތަޙްޤީޤުކުރުމަށް ގޮވާލައި އިދިކޮޅުން ފަރާތްތަކުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.
މި ނޫސް ބަޔާނުގައި ބުބެފައިވަނީ، ރެޕިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ރޭ ދިން ޙަމަލާ މި ކޯލިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެހެން ފަރާތްތަކަށް ނަމޫނާ ދައްކަންޖެހޭ އަދި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޒިއްމާ މަތިކޮށްފައިވާ ފަރާތްތައް ކަމަށްވީ ހިނދު މެމްބަރު އިކްރާމް ޙަސަންގެ ފަރާތުން ފެނިގެން މިދިޔައީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަން ފާހަގަ ކުރާ ކަމަށެވެ.
މީގެ އިތުރުން އަންހެނަކަށް އަލަމާދީ ހަޑި ހުތުރު ބަހުން މުޢާމަލާތު ކުރުމަކީ އަންހެނުން ބާރުވެރިކުރުމާއި އަންހެނުންނަށް ރައްކާތެރިކަން ދިނުމަށް ރާއްޖޭގައާއި ބައިނަލްއަޤްވާމީ ގޮތުން ހެދިފައިވާ ޤާނޫނުތަކާ މުޢާހަދާތަކާވެސް ޚިލާފު ވަރަށް ހަޑިމުޑުދާރު ޢަމަލެއް ކަމަށާއި ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އެކުރައްވަނީ ޤައުމީ މަސައްކަތެއް ކަމަށާއި އެފަރާތްތަކުން ރެއާ ދުވާލު ޢާއިލާތަކާ ދުރުގައި، އަދި ފުރާނަ އަތްމައްޗަށް ލައިގެން ރައްޔިތުންނަށް ކޮށްދެއްވާ ޤައުމީ ޚިދުމަތަކީ އަގުކުރެވޭނެ ޚިދުމަތެއް ނޫން ކަމަށް ބުނެފައި ވެއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމަކީ އެފަރާތްތަކާމެދު މިފަދަ ދަށު ދަރަޖައިގެ ޢަމަލު ހިންގުމަށް އިމްތިޔާޒު ލިބޭ ކަމެއް ނޫނެވެ. ރޭ އަނިޔާ ލިބުނު ފަރާތުން މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށައަޅާފައިވާތީ، މިމައްސަލަ އިންސާފުވެރިކަމާއެކު ތަޙްޤީޤުކޮށް، ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލަމެވެ.
ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ އިސް ފަރާތްތަކުގެ މައްސަލަތައް، ޚާއްސަކޮށް ސަފާރީގައި ހިނގާދިޔަ ރޭޕްކޭސްގެ މައްސަލައާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ޙަސަން އިސްމާޢީލް ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ސަރުކާރުން އޮއްބާލި ގޮތަށް، ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މެމްބަރަކަށްވާތީ އިކްރާމް ޙަސަންގެ މައްސަލަ އޮއްބާނުލުމަށްވެސް ގޮވާލާ ކަމަށާއި މިފަދަ ކަންކަމާމެދު ފިޔަވަޅު އަޅުއްވާ އަންހެނުންގެ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި އަދި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްވެސް މި ކޯލިޝަނުން ގޮވާލާ ކަމަށް މި ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ކޮވިޑް ސާމްޕަލް ނެގި މީހާއަށް ހަމަލާދިން މައްސަލަ ދަނީ ބަލަމުން: ފުލުހުން




