އައްޑޫ ޑްރަގު ކޭސް: އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް އައްޑޫ ސިޓީގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ޙައްޔަރުކުރި މީހުންގެ ތެރެއިން އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ފަހުން އަމުރުކުރީ ސ. ހިތަދޫ ފިނިފަރުު ހަސަން އާމިރާއި އެރަށު ބްލޫބާޑް، ހޫދު ލަތީފާއި އެރަށު މަންދޫބުގޭ ހުސައިން ސިމާހުއެވެ. ހޫދު ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ބުދަ ދުވަހު ނެރުނުއިރު، ހަސަން އާމިރާއި ހުސައިން ސިމާހު ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އިއްޔެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލާގައި ޙައްޔަރުކުރި ދެމީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިދިޔަ ހަފްތާގައި ތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވެއެވެ. ތަޙުޤީޤަށް އިތުރަށް ބަންދުގައި ބައިތިއްބަށް ނުފެންނާތީ މިމައްސަލާގައި ޙައްޔަރުކުރެވުނު 8 މީހަކު ދޫކޮށްލެވިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިހިނގާ އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން އައްޑޫގައި ފުލުހުން ކުރިއަށް ގެންދާ މިއޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައިވާއިރު، ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

އަދި މިމައްސަލާގައި ޙައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ސ.ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (33 އަހަރު) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ