ދިހަ ހާހެއްހާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 106 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މިހިނގާ އޮކްޓޫބަރ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 106 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އޮކްޓޫބަރ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ 9989 ފަރާތަކަށް ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައެވެ.
އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 25030 އެޕްލިކޭޝަނަކަށް ވަނީ ފައިސާ ޖަމާކޮށްފައެވެ.
ކޮވިޑް-19ގެ ގެއްލުމުގެ ސަބަބުން ވިޔަފާރިތަކުންވަނީ ފުޅާ ދާއިރާއެއްގައި މީހުން ވަޒީފާއިން ވަކިކޮށް މުސާރަ ކުޑަކޮށްފަ އެވެ. މިކަމުގެ ސަބަބުން އެތަކެއް ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަނީ އަސަރުކޮށްފަ އެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޮވިޑް-19 އާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ. އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ދާދިފަހުން ވަނީ ބަދަލުވެސް ގެނެސްފައެވެ.
މި ބަދަލުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެންބަރު 2019 ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށައެޅޭނެކަމަށެވެ. މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.



