ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ގުޅޭގޮތުން ރާއްޖޭގެ ނޫހެއް ކަމަށްވާ މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމް.އެން.އެން) ގެނެސްދީފައިވާ ޚަބަރަކާއި ގުޅިގެން އެނޫހާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަޒްނާ ތަމްސީލްކުރާ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ފަޒްނާ ތަމްސީލް ކުރާ ޤާނޫނީ ވަކީލުންގެ ފާމް ކަމަށްވާ ލިޓިޖަންޓްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލޭ ސިޓީ ކައުންސިލުން ލޮނު ޒިޔާރަތްކޮޅުގައި ޤާއިމުކުރަމުންދާ ޕާކަށް ގަސް ވިއްކަނީ، ސްރީލަންކާގައި އޮންނަ، ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށް ބުނެފައިވާ ކަމަށެވެ. މިއީ ސާބިތުނުހިފޭ، ހަމަނުޖެހޭ، ދޮގު ވާހަކަތަކެއް ކަމަށެވެ.
މީގެއިތުރުން ފަޒްނާގެ ފައިސާ މޮރިޝަސްއަށް ބަދަލުކުރި ވާހަކައެއްވެސް އެމް.އެން.އެން ރިޕޯޓް ކޮށްފައިވާ ކަމަށާއި މި ހުރިހާ އިލްޒާމަކަށް ފަޒްނާ އިންކާރު ކުރައްވާ ކަމަށްވެސް ލިޓިޖަންޓްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.
މި ރިޕޯޓުތައް ކުއްވެރި ކުރަމުން ލިޓިޖަންޓްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިކަމާއި ގުޅިގެން މި ނޫހާއި ދެކޮޅަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.




