ދުންފަތާއި ސިނގިރެޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ރުފިޔާތަކެއް މަގުމަތިން ފޭރެން އުޅެނިކޮށް ހުއްޓުވައި އެކަން ނާކާމިޔާބު ކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އޭގެތެރޭގައި4.5 މިލިއަން ރުފިޔާ ހިމެނެއެވެ.
ފުލުހުން ވިދާޅުވީ ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ބަޔަކުވެގެން ފޭރެން މަސައްކަތްކުރި މައްސަލައެއް މިއަދު ހެނދުނު 11:47 ހާއިރު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.
ފޭރެން މަސައްކަތްކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާ ފޮށި ގެނައީ ކުޑަ ވޭނަކަށް އަރުވެގެންނެވެ. އަދި ވެހިކަލުގެ ދޮރު ހުޅުވާލުމާއެކު ސައިކަލުގައި އައި ހަތަރުމީހަކު ފައިބައިގެން ގޮސް އެމީހުނަށް ހަމަލާދޭ މަންޒަރުފެނެއެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން ތިބީ ހެލްމެޓްވެސް އަޅައިގެންނެވެ.
#Breaking: Miadhu Bank of Ceylon kurimathin root ge faisaa hifaigen ai Vehicle in feyren ulhunu bayaku Bank ge security in hifahahtaifi! pic.twitter.com/8RtfRBli2x
— Moof MDP???? (@MdpMuhusin) October 25, 2020
ބޭންކް އޮފް ސިލޯން އިމާރާތުން ނުކުތް ސެކިއުރިޓީގާޑު އެ މީހުން ހިފަހައްޓާ ފައިސާތައް ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި ރޫޓު ކުންފުނީގެ ޓީޝާޓެއް ލައިގެން ހުރި އެ ކުންފުނީގެ މުވައްޒަފެއްވެސް ފައިސާ ފޮށިގަނޑު ރައްކާތެރިކުރަން މަސައްކަތްކުރާ މަންޒަރުވެސް ފެނެއެވެ.
އެއާއެކު އެ މަގުން ސައިކަލެއްގައި ދިޔަ ބިދޭސީއަކަށް އެ މަންޒަރު ފެނި، އެ ފޭރެން އައި މީހުންގެ ފަހަތުން ދުއްވައިގަންނަ މަންޒަރުވެސް ފެނެއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެެވެ.




