އަގު ވަޒަންކުރުމުގެ ގޮތުން ފޭރުން ހުއްޓުވި ގާޑަށް ބައިލައްކަ ރުފިޔާ

ބޭންކް އޮފް ސިލޯން ކައިރިން 4.5 މިލިއަން ރުފިޔާ ފޭރެން އުޅެނިކޮށް އެކަން ހުއްޓުވި ސެކިއުރިޓީ ގާޑަށް، އެދުވަހި ދެއްކި ހިތްވަރުގެ އަގު ވަޒަންކުރުމުގެ ގޮތުން ބައިލައްކަ ރުފިޔާ ދީފިއެވެ.

މި 50،000 ހާސް ރުފިޔާ އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަންގައި މަސައްކަތް ކުރަމުންދާ ހަސަން މަނިކުއާއި ޙަވާލުކޮށްފައިވަނީ މީޑިއާތަކަށް ދައުވަތު ދީގެން ބޭއްވި އެ ހަފްލާގައި ރޫޓްގެ އެމްޑީ އަބްދުﷲ ރާފިއުއެވެ. މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ރާފިއު ވިދާޅުވީ، ހަސަން މަނިކުގެ އަގު އެ ކުންފުނިން ވަޒަން ކުރާ ކަމަށާއި، ފޭރުމުގެ އެ ބޮޑު ހަމަލާ ހުއްޓުވުމުގައި އޭނާ ދެއްކި ހުނަރަށް ތައުރީފު ކުރާ ކަމަށެވެ.

ބަޔަކު ވެގެން ރޫޓް ފިހާރައިގެ 4.5 މިލިއަން ރުފިޔާ މަގުމަތިން ފޭރެން މަސައްކަތް ކޮށްފައި ވަނީ އޮކްޓޫބަރު 25 ވަނަ ދުވަހުއެވެ. މި ހާދިސާ ހިނގާފައި ވަނީ ބެންކް އޮފް ސިލޯން ކައިރީގައެވެ.

ފޭރެން މަސައްކަތްކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާ ފޮށި ގެނައީ ކުޑަ ވޭނަކަށް އަރުވެގެންނެވެ. އަދި ވެހިކަލުގެ ދޮރު ހުޅުވާލުމާއެކު ސައިކަލުގައި އައި ހަތަރުމީހަކު ފައިބައިގެން ގޮސް އެމީހުނަށް ހަމަލާދޭ މަންޒަރުފެނެއެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން ތިބީ ހެލްމެޓްވެސް އަޅައިގެންނެވެ.

ބޭންކް އޮފް ސިލޯން އިމާރާތުން ނުކުތް ސެކިއުރިޓީގާޑު އެ މީހުން ހިފަހައްޓާ ފައިސާތައް ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި ރޫޓު ކުންފުނީގެ ޓީޝާޓެއް ލައިގެން ހުރި އެ ކުންފުނީގެ މުވައްޒަފެއްވެސް ފައިސާ ފޮށިގަނޑު ރައްކާތެރިކުރަން މަސައްކަތްކުރާ މަންޒަރުވެސް ފެނެއެވެ.

އެއާއެކު އެ މަގުން ސައިކަލެއްގައި ދިޔަ ބިދޭސީއަކަށް އެ މަންޒަރު ފެނި، އެ ފޭރެން އައި މީހުންގެ ފަހަތުން ދުއްވައިގަންނަ މަންޒަރުވެސް ފެނެއެވެ

މިމައްސަލައާއި ގުޅިގެން 4 މީހެއްގެ ފުލުހުން މިއަދުވަނީ އާންމުކޮށްފައެވެ. އެއީ އުމުރުން 20 އަހަރުގެ ވ. ޕިންކްވިލާ އަޙްމަދު އަމީރާއި އުމުރުން 23 އަހަރުގެ ގއ. ވިލިނގިލި ކަނީރުމާގެ މުޙައްމަދު މުސްޢަބް ޒުބެއިރާއި އުމުރުން 22 އަހަރުގެ ދަފްތަރު ނަމްބަރު 3678 ޙުސައިން ޢަބްދުﷲ މަޖީދު އަދި 17 އަހަރުގެ ލ. ގަން ކީމިޔާގެ ޢަބްދުﷲ ރާޝިދެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ