ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިން، އެގައުމުގެ ކޮންމެ މީހަކަށްވެސް ބިން ގަތުން ހުއްދަ ކުރާ ގާނޫނަކަށް އިންޑިއާއިން އަމަލު ކުރަން ފެށުމާއެކު ކަޝްމީރުގައި އެ ގާނޫނާއި ދެކޮޅަށް އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މިގޮތުން މި ގާނޫނަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަޝްމީރުންވަނީ އެމީހުންގެ އިގުތިސާދީ މަސައްކަތްތައް ހުއްޓައިލައިފައެވެ. އިހުތިޖާޖުގައި ބައިވެރިވުމުގެ ގޮތުން މިއަދު ކަޝްމީރުގެ ވިޔަފާރިތަކާއި ފިހާރަތައްވަނީ ބަންދުކޮށްފައެވެ.
އިންޑިއާގެ ގާނޫނުތަކުގައި މީގެ ކުރިން އޮތް ގޮތުން ކަޝްމީރުން ބިން ގަނެވޭނީ އެ ސަރަހައްދުގެ ދާއިމީ ރަށްވެހިންނަށެވެ. ނަމަވެސް އެގައުމުގެ ފެޑެރަލް ހޯމް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން ކަޝްމީރުގެ ބިން ގަތުމަށް ދާއިމީ ރަށްވެއްސަކަށް ވާން ޖެހޭނެ ކަމަށް ބުނާ ޝަރުތު މިހާރުވަނީ އުނިކޮށްފައެވެ.
މިބަދަލަށް އިންޑިއާގެ މައި ސަރުކާރަށް ތާއީދުކުރާ ކަޝްމީރުގެ ސިޔާސީ ފަރާތްތަކުންވެސް އައްނަނީ ދެކޮޅު ހަދަމުންނެވެ. ކަޝްމީރުގެ ސިޔާސީ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާގެ މައި ސަރުކާރުން މިހާރުވަނީ ކަޝްމީރުގެ ބިން ސޭލް އަޅުވައި ވިއްކަން ފަށައިފައެވެ.
އިންޑިއާގެ މައި ސަރުކާރުން ގިނައި މި ބަދަލާއެކު ކަޝްމީރުގައި ހިނގާފާނެ ދެކޮޅުވެރިކަމުގެ ހަރަކާތްތައް ކޮންޓުރޯލް ކުރުމަށް ކަޝްމީރުގެ މަގުތައް މައްޗަށް އިންޑިއާ ސިފައިން ނެރެ ސަލާމަތީ ކަންކަންވަނީ ވަރަށް ބޮޑުތަން މިއަދު ވަރުގަދަ ކޮށްފައެވެ.\
މީގެ ކުރިން އަމިއްލަ ގާނޫނު އަސާސީއެއް އޮތް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އުވާލާފައެވެ. އަދި ކަޝްމީރަކީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ހަދާފައެވެ.



