އައްޑޫ ސިޓީން ހާލު ދެރަވި ތުއްތު ކުއްޖަކު ސިއްހީ އަވަސް ފަރުވާއަށް މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ހާލު ދެރަވެގެން ސިއްހީ އަވަސް ފަރުވާއަށް މިއަދު ފަތިހު 04:02 ގައި ތުއްތު ކުއްޖަކު އައްޑު އަތޮޅުން މާލެއަށް އެމްއެންޑީއެފް ޑޯނިއަރ ފްލައިޓުން މާލެ ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް އެމްއެންޑިއެފް އިން ދެއްވާފައެއް ނުވެއެވެ.

މިއީ އެމްއެންޑީއެފް ޑޯނިއަރ ފްލައިޓްގައި ބަލި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްދިން 2 ވަނަ ފަހަރެވެ. މިދިޔަ މަހު 26 ވަނަ ދުވަހު ވަނީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޮތް ހާލު ދެރަ، 78 އަހަރުގެ ދިވެހި ފިރިހެނަކު ޑޯނިއަރ ފްލައިޓްގައި މާލެ ގެނެސްދީފައެވެ.
އިންޑިއާއިން ހަދިޔާކުރި މިމަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.



