އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ފެހެންދޫ ދަރިވަރުން ސްކޫލަށް އައިސް ގޮސްވުމަށް ހަދިޔާކުރި ސްޕީޑު ލޯންޗުގެ ދަތުރުތައް މިއަދު ފަށައިފިއެވެ.
ކުޑަ އާބާދީއެއް އޮންނަ ފެހެންދޫގެ ދަރިވަރުން ކިޔެވުމަށް ސްކޫލަށް ދަނީ އެ އަތޮޅު ގޮއިދޫއަށެވެ. އަދި މިއަދާއި ހަމައަށް ސްކޫލަށް ދިއުމަށް ކޮންމެ ދުވަހަކު ޑިންގީއެއްގައި ކުރަންޖެހޭ ދަތުރުގައި އެތައް ދަތިތަކެއް އެދަރިވަރުނަށާއި ބެލެނިވެރިންނަށް ދިމާވާއެވެ.
ނަމަވެސް، މިއަދަކީ ބ. ފެހެންދޫގެ ދަރިވަރުންނާ ބެލެނިވެރިންގެ ދިގު އިންތިޒާރަށް ނިމުމެއް އައިސް މޫނު މަތިން އުފާވެރިކަން ފެނިގެންދާނެ ދުވަހެކެވެ. ކިޔެވުމަށްޓަކައި އެރަށު ދަރިވަރުން އުފުލާ ތަކުލީފުތައް ނިމުމެއް މިއަދު ސަރުކާރުންވަނީ ގެނެސްދީފައެވެ.
ފެހެންދޫ ސްކޫލުގެ ދަރިވަރުން، ގޮއިދޫއަށް ސްކޫލަށް ދިއުމަށް ކުރާ ލޯންޗު ފެރީގެ ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފައިވާއިރު، މިއަދު އެޑިއުކޭޝަން މިނިސްޓަރ ޓްވީޓު ކުރައްވާ ވިދާޅުވީ، ފެހެންދޫ ސްކޫލުގެ ދަރިވަރުން ބ. ގޮއިދޫ ސްކޫލަށް ލޯންޗު ފެރީގައި ދަތުރުކުރާ މަންޒަރު ފެނުމަކީ ވަރަށް އުފާވެރި މަންޒަރެއްކަމަށެވެ. އަދި މިކަމުގައި ވެދިން އެހީތެރިކަަމަށް އިންޑިއާ ސަރުކާރަށް މިނިސްޓަރ ޝުކުރު ދަންނަވާފައިވެއެވެ.
Really happy to see the students of Fehendhoo School going to school in B Goidhoo Ferry. Thank you @HCIMaldives for making this possible. @goidhooschool @hisaanhussain pic.twitter.com/3JhtGntNAG
— Aishath Ali (@aisthly) November 2, 2020
އެގޮތުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ފެހެންދޫ ދަރިވަރުން ސްކޫލަށް އައިސް ގޮސްވުމަށް ބަނދެފައިވާ ސްޓޫޑެންޓް ފެރީ ދިވެހި ސަރުކާރާއި ހަވާލުކޮށްފައިވަނީ ޖުލައި މަހުގައެވެ. ނަމަވެސް ދަތުރުތައް ނުފެށި ލަސްވެގެން ދިޔައީ ފެހެންދޫއަށް ވަދެ ނުކުމެވޭނެ ގޮތެއް ނެތުމުންނެވެ. އަދި އެމްޓީސީސީގެ އެހީތެރިކަމާއެކު، އެކަން މިހާރުވަނީ ހައްލުކޮށްފައެވެ.



