2013 ވަނަ އަހަރު ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް އަނބުރާ ވަޒީފާ ދިނުމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
2013 ވަނަ އަހަރު އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސްގެ މަގާމުގައި ހުންނެވި ދަފްތަރު ނަންބަރު ރސ 2472، މާލެ، ޢަލީ ވަހީދު އެމަޤާމުން ވަކިކޮށްފައިވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި، ޚިލާފުވެފައިވާތީ ކަމަށް ބުނެ ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 2 ވަނަ ބާބުގެ 2 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، 2013 ނޮވެމްބަރ 25 ވަނަ ދުވަހު އެވެ.
ވަޒީފާއިން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް އަލީ ވަހީދު ހުށައަޅާފައިވަނީ 2014 މާޗު 2 ވަނަ ދުވަހުއެވެ. މި މައްސަލާގައި ސިވިލް ކޯޓުން ވަނީ ޢަލީ ވަހީދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާއި ހިލާފަށް ކަމަށް ހުކުމް ކޮށްފައެވެ. އަދި ވަޒީފާއިން ވަކިކުރިކަމަށް ބުނެފައިވާ ދުވަހުން ފެށިގެން އޭނާގެ މުސާރަ އާއި އެލަވަންސް ވެސް ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވެއެވެ. މިގޮތަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ 2014 އޮކްޓޫބަރ 19 ވަނަ ދުވަހު އެވެ.
ނަމަވެސް ދަޢުލަތުން ވަނީ ސިވިލް ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށްބުނެ 2015 ފެބްރުއަރީ 23 ވަނަ ދުވަހު އެމައްސަލަ ހައި ކޯޓުގައި އިސްތިޢުނާފް ކޮށްފައެވެ. 2016 ޑިސެމްބަރ 1 ވަނަ ދުވަހު ހައި ކޯޓުން ހުކުމް ކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެ ވަޒީފާގައި ހުރެ، ސިފައިންގެ ތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ތަޙުޤީޤުކުރުމަށްފަހު، ތަޙުޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމަށާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ތަޙުޤީޤު ރިޕޯޓާއި ތަޙުޤީޤަށް ނެގިފައިވާ ބަޔާންތަކުން، އަލީ ވަހީދު ފާޅުކަން ބޮޑުގޮތެއްގައި ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށް އެ ފިކުރާއި ޕާޓީ ޕްރޮމޯޓްކުރުމަށް އޮފީސް މާޙައުލާއި އޮފީހުން ބޭރުގައިވެސް މަސައްކަތްކޮށްފައިވާކަން އެނގެން އޮތުމުން އަލީ ވަހީދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ހިލާފަށް ކަމަށް ބެލެވެން ނެތުމުން ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށެވެ.
ސްޕްރީމް ކޯޓުން މިއަދު ވަނީ އަލީ ވަހީދު ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވަނީ އަދުލުވެރުކަމާއިއެކު ނޫންކަމަށް ދަޢުލަތުން އިޤްރާރް ވެފައިވާތީވެ އަލީ ވަހީދު އަދާކުރަމުންދިޔަ އެމްއެންޑީއެފްގެ ވަޒީފާ އަނބުރާ ދިނުމަށް ހުކުމް ކޮށްފައެވެ. އަދި ހައިކޯޓުގެ ހުކުމް ބާތިލް ކޮށްފައިވާއިރު ސިވިލް ކޯޓުހެ ހުކުމްގެ އަލީ ވަހީދަށް ބަދަލު ދިނުމާއި ގުޅޭގޮތުން ހިމަނާފައިވާ ބައި ބާތުލު ކުރުމަށްވެސް ސްޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.



