އައްޑޫސިޓީގެ ހޯމް ކަރަންޓީނަށް އައި މީހަކު ކަރަންޓީނު އުސޫލާއި ޚިލާފުވެފައިވަނިކޮށް އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫސިޓީއިން ޕޮޒިޓިވްވި މީހާއާއި އެތައްބަޔަކު ކޮންޓެކްޓުވެފައިވާއިރު، ކޮންޓްރެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރުފަށާފައިވާކަމަށް ބައެއް މީޑިއާތަކުގައި ވެއެވެ. އެހެންކަމުން އައްޑޫ ސިޓީގައި ކޮވިޑް-19 ބޮޑު ކޮމިއުނިޓި ސްޕްރެޑަކަށް ހިނގައިދާނެކަމުގެ ބިރު ހީވެފައިވާއިރު، ޕޮޒިޓިވް ވި މީހާ އާއި ކޮންޓެކްޓްވި ހުރިހާ އެންމެން އައިސޮލޭޓް ވުމަށްވެސް މިހާރުވަނީ އަންގާފައެވެ.
އެމީހާ އައްޑުއަށް ހޯމްކަރަންޓީނަށް އައިސްފައިވަނީ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. އަދި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން މިއަދު އެނގިފައިވަނީ މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ކޮވިޑް-19 އަށް ޓެސްޓު ކުރުމުންނެވެ.
އޭނާ ރަށަށް އައިފަހުން ދިމާވި ސިއްޙީ މައްސަލަތަކާއި ގުޅިގެން ޢާއިލާގެ އެތައް ބަޔަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާކަމަށްވެސް އިތުބާރުހުރި މަސްދަރަކާއި ޙަވާލާދީ އައްޑޫ އޮންލައިގައި ބުނެފައިވެއެވެ. މީގެއިތުރުން އެނޫހުގައި ބުނެފައިވަނީ އެމީހާއަށް މިހާރު ދަނީ ނަފްސާނީ ބައްޔަކަށް އޭއީއެޗްގައި ފަރުވާ ދެމުންކަމަށެވެ.
އެޗްއީއޯސީއިން ވިދާޅުވީ، އައްޑޫ ސިޓީއިން ކަރަންޓީނު އުސޫލާއި ޚިލާފުވި މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، ނަމަވެސް ސާމްޕަލްގެ ނަތީޖާ ކަށަވަރުނުވާތީ އޭނާގެ ދެވަނަ ސާމްޕަލްއެއް ނަގަން ނިންމާފައިވާ ކަމަށެވެ. މީގެއިތުރުން މި ކޭސްއާއި ގުޅިގެން ކޮންޓްރެކްޓް ޓްރޭސިން ހަދަމުންދާކަމަށްވެސް އެޗްއީއޯސީއިން ވިދާޅުވިއެވެ.



