މިދިޔަ އޮކްޓޯބަރު މަހުގެ 30ގައި، ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ހާލުބޮޑުވެގެން، ދ.ކުޑަހުވަދޫ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދަނިކޮށް ނިޔާވި ދ. މާ އެނބޫދޫ، އާދަމް ނަސީރުގެ މަރުގެ މައްސަލައިގައ ރިސޯޓުން އިހްމާލުވެފައިވޭތޯ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
މައްސަލަ ބަލަން ފަށައިފައި މިވަނީ، ނިޔާވުމުގެ ކުރިން، ނަސީރުގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެނި ބަލިބޮޑުވުމުގެ ސަބަބުން، ކަނޑިންމަ ރިސޯޓުގެ މެނޭޖްމެންޓަށް އަންގާ، ފަރުވާއަށް މާލެއަށް ދިއުމަށް އެދުމުންވެސް އެކަމަށް މާބޮޑު އަޅާލުމެއް މެނޭޖްމެންޓު ޓީމުން ދީފައި ނުވާކަމުގެ ތުހުމަތުތަކެއް އާއިލާއިންނާއި އަދި އާއްމުފަރާތްތތަކުން ކޮށްފައިވަނިކޮށެވެ.
އެޗްއާރުސީއެމް އިން ދިވެހި ނޫސް 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ކަނޑިންމަ ރިސޯޓުން މުވައްޒަފަކު ނިޔާވި މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
ފަރުވާ އަށް މާލެ ފޮނުވުމަށް އެދިފައި އޮންނަތާ ގާގްގަނޑަކަށް ދިހަ ދުވަސްފަހުން، މިދިޔަ މަހުގެ އޮކްޓޯބަރު 30 ގައި ނަސީރުގެ ހާލު ސީރިއަސްވެ، ޑޮކްޓަރުގެ ލަފައާއެކު ކުޑަހުވަދޫއަށް ގެންދިޔަ ނަމަވެސް، އޭނާ ވަނީ ނިޔާވެފައެވެ. އަދ މީސްމީޑިއާގައި ފެތުރިފައިވާ މައުލޫމާތަކަށް ބަލާއިރު، އެދުވަހުގެ ކުރީ ދުވަހު،( އޮކްޓޯބަރު 29)ގައި ނަސީރު ފާހާނާއަށްވެސް ވަނީ ވެއްޓިފައެވެ. އަދި އިތުރު މަަވައްޒަފެއްގެ އެހީގައި އޭނާ ރިސޯޓުގެ ޑޮކްޓަރަށް ދެއްކިއިރު، ނަސީރުގެ ހާލު ސީރިއަސްކަމަށް، އެޗްއާރު ޑިރެކްޓަރ އަށް ނަސީރު ބެލި ޑޮކްޓަރު އެންގި ކަމަށް ވާހަކަ ފެތުރިފައިވެއެވެ.
ނަސީރު މަރުވުމުގައި ކަނޑިންމައިގެ އިހުމާލު އޮތް ކަމުގެ ތުހުމަތުތައް ނަސީރުގެ އާއިލާއިންނާއި އަދި ރިސޯޓުގެ މުވައްޒަފުންވެސް ކުރަމުންދާއިރު، މިކަމާއި ގުޅިގެން ރިސޯޓުން އެއްވެސް ވާހަކައެއް އަދި ނުދައްކައެވެ.



