ގދ. ނަޑެއްލާ ހެލްތް ސެންޓަރުގައި މައްސަކަތް ކުރައްވާ ޑޮކްޓަރު ހޯމް ކަރަންޓީންއަށް ލައިފިއެވެ.
ޑޮކްޓަރު ހޯމް ކަރަންޓީނަށް ލާފައި ވަނީ އޭނާގެ އަންހެނުން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ.
ޑޮކްޓަރުގެ އަންހެނުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ އެރަށުގައި ހޯމް ކަރަންޓީންގައި ހުއްޓައެވެ. އެގޮތުން ހޯމްކަރަންޓީންގެ 14 ދުވަސް ފުރިހަމަކޮށް ނެގި ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނު އިރު ޑޮކްޓަރުގެ އަންހެނުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ނަޑެއްލާ ހެލްތް ސެންޓަރު ހިންގުމާއި ހަވާލުވެހުރި އެޑްމިނިސްޓްރޭޓަރ ފަސީޙް ޢަލީ މި ނޫހަށް ވިދާޅުވި ގޮތުގައި ޑެކްޓަރުގެ އަންހެނުން ކޮވިޑް-19 އަށް ފައްސި ވުމާއި ގުޅިގެން ޑޮކްޓަރު ވަނީ ހޯމްކަރަންޓީންއަށް ލައިފައިކަމަށެވެ.
ޑޮކްޓަރު އަންހެނުން ހޯމް ކަރަންޓީންގައި ހުރީ ޑޮކްޓަރާއި ވަކިން ގެއެއްގައެވެ. އަދި މި ދެމީހުން ޑައިރެކްޓް ކޮންޓެކްޓް ވެފައިވާކަން ފާހަގަ ކުރެވިފައި ނުވާކަމަށް ފަސީޙް ވިދާޅުވިއެވެ. ނަމަވެސް އަންހެނުން ފައްސި ވުމާއި ގުޅިގެން ނިންމާފައިވަނީ ޑޮކްޓަރުވެސް14 ދުވަހު ހޯމް ކަރަންޓީންގައި ބެހެއްޓުމަށް ކަމުގައި އޭނާ ވިދާޅުވިއެވެ.
ޑޮކްޓަރު އަންހެނުން ފައްސި ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށް ގެންދަމުންނެވެ.
ފަސީޙް ވިދާޅުވިގޮތުގައި މިވަގުތު ޑޮކްޓަރާއެކު ހޯމް ކަރަންޓީންގައި އެ ރަށުގައި ޖުމްލަ4 މީހަކު އެބަހުރި ކަމަށާއި، ނަމަވެސް މިއަދުގެ ކޭސް އާއި ގުޅިގެން މިހާތަނަށް ހޯމް ކަަންޓީންއަށް ލާފައި ވަނީ ޑޮކްޓަރު އެކަނި ކަމަށެވެ.
މިއަދު ނަޑެއްލާއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އިންޑިއާގެ އަންހެނެކެވެ.



