މާވެލްގެ ސިނަމެޓިކް ޔުނިވާރސްގެ ތެރެއިން ގެނެސްދޭ "ސްޕައިޑަމޭން" ފިލްމްގެ ތިންވަނަ ބައިގެ މަސައްކަތް ކޮވިޑް-19ގެ ލޮކްޑައުންގައި ހުއްޓިފައި އޮތުމަށްފަހު، ފިލްމްގެ ޝޫޓިން މިހާރު ވަނީ ފަށައިފައެވެ.
ޝޫޓިންގެ މަސައްކަތުގައި ފިލްމްގެ ތަރިން އަވަދިނެތި ބިޒީކޮށް އުޅޭއިރު، ސްޕައިޑަމޭންގެ ރޯލުން ފެނިގެންދާ "ޓޮމް ހޮލެންޑް" ވަނީ ފިލްމްގެ ސެޓުގެ ތެރެއިން ފުރަތަމަ ފަހަރަށް މަންޒަރެއް ފޭނުންނަށް ދައްކާލައިފައެވެ.
އެގޮތުން ޝޫޓިންގެ ތެރެއިން ސްޕައިޑަމޭންގެ ފޮޓޯއެއް އޭނަގެ އިނސްޓަގްރަމްގައި ހިއްސާކޮށްފައިވާއިރު، މި ފޮޓޯއިން ފެނިގެންދަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ސްޕައިޑަމޭންވެސް ފޭސްމާސްކެއް އަޅައިގެން ހުރިތަނެވެ.

މި ފޮޓޯ މިހާރު މީސްމީޑިއާގައި ވައިރަލްވެފައިވާއިރު، އެންމެންވެސް މާސްކް އެޅުމަށް ފޮޓޯގެ ކެޕްޝަންގައި ޓޮމް ލިޔެފައިވެއެވެ.
ޓޮމް އިތުރަށް ބުނީ، ފިލްމްގައި ސްޕައިޑަމެންގެ ލޯބިވެރިޔާ "އެމް ޖޭ" ގެ ރޯލު ކުޅަމުން އަންނަ ޒުވާން ތަރި "ޒެންޑެޔޭ" މިފަހަރުގެ ފިލްމުންވެސް ފެނިގެންދާނެކަމަށެވެ.
މިފަހަރުގެ ފިލްމުގެ މާބޮޑު ތަފްސީލެއް މާވެލްއިން ހާމަކޮށްފައި ނުވީނަމަވެސް، ސޮނީއިން ވަކިން އުފެއްދި އެމޭޒިން ސްޕައިޑަމޭންގެ ދެވަނަ ބައިގައި ފެނިގެންދިޔަ ވިލަން ކެރެކްޓަ، "އެލެކްޓްރޯ"ގެ ރޯލުން ޖެމީ ފޮކްސް "ސްޕައިޑަރ މޭން: 3"ގައި ފެނިގެންދާނެކަން ވަނީ އިއުލާންކޮށްފައެވެ.
މީގެ އިތުރުން، މާވެލްގެ "ޑޮކްޓަރ ސްޓޭރޭންޖް"ގެ ކެރެކްޓަރ އިން ބެނެޑިކްޓް ކަމްބަރބެޗްވެސް ކުރިއަށްއޮތް ސްޕައިޑަމޭން ފިލްމްގައި ފެނިގެންދާނެއެވެ.
"ސްޕައިޑަރ މޭން: 3" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޑިސެމްބަރު 17 ގައެވެ.




