ޣާޒީ ސްކޫލް - ފޮޓޯ: ވަގުތު

2021 ވަނަ އަހަރު ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާގެ ބަޖެޓެއް

2021 ވަނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅައިފިއެވެ.

ބަޖެޓް ހުށައަޅުއްވަމުން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވީ، މިއީ އިޤްތިސާދީ ހަރަކާތްތައް ފުޅާވެ، އަލުން ތަރުތީބުވެ، އާރާސްތުކުރަމުންދާ ދަނޑިވަޅެއްގައި ބޭނުންވާ ވޯރކްފޯސް ބިނާކުރުމަށާއި، ތައުލީމަށްޓަކައި ހިޖުރަކުރަން ޖެހޭ މިންވަރު ކުޑަކުރުމަށް އިސްކަންދީގެން ކަނޑައެޅިފައިވާ ބަޖެޓެއް ކަމަށެވެ.

"ތައުލީމީ ދާއިރާއަކީ އެއްދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރޭވިފައިވާ އެއް ދާއިރާ. މިގޮތުން 104 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވޭ. މީގެ ތެރޭގައި ސްކޫލު ތަކާއި، ކްލާސްރޫމްތަކާއި، ތައުލީމީ ވަސީލަތްތައް ބިނާ ކުރުމަށް ޚަރަދު ކުރެވޭނެ. އަދި ތައުލީމީ ދާއިރާއަށް ކުރެވޭ ހޭދައިން ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަކީ މިސަރުކާރުގެ އަމާޒެއް." އަމީރު ވިދާޅުވިއެވެ.

ސަރަޙައްދީ ތަރައްޤީގެ ތަޞައްވުރުގެ ތެރެއިން، ޚާއްޞަ އިސްކަމެއްދީގެން ރާއްޖޭގެ 5 ސަރަހައްދެއްގައި ފެންވަރު ރަނގަޅު، ވަށާޖެހޭ ތަޢުލީމީ ނިޒާމަކަށް ވާޞިލްވުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް މި ބަޖެޓުގައި ވަނީ ހިމެނިފައި ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، ފެންވަރު ރަނގަޅު ތަޢުލީމެއް މި ސަރަޙައްދުތަކުން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށާއި މި ސަރުކާރުން ކާމިޔާބުކަމާއެކު ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، ބަދަލުތަކަކާއެކު އިތުރަށް ހަރުދަނާކޮށް، އެފިޝަންޓްކޮށް 2021 ވަނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓްކުރެވިފައި ކަމަށެވެ.

2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި، 34.79 މިލިއަން ރުފިޔާ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅައިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ