މަޖިލީހުގެ މެމްބަރުން މަޖިލިސް ޖަލްސާއެއްގައި | ފޮޓޯ : ރައްޔިތުންގެ މަޖިލިސް

ބަޖެޓް ބަޔާން ހުށައެޅުން އަންނަ ހޯމަ ދުވަހު

2021 ވަނަ އަހަރުގެ ދައުލަތުގެ ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނީ އަންނަ ހޯމަދުވަހު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝިދު ވިދާޅުވީ، ގާނޫނުގައި ވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ލިބިފައިވާ ކަމަށާއި ބަޖެޓް ހުށައަޅުއްވަން ފިނޭންސް މިނިސްޓަރު އަމީން ހިޔާރުކުރައްވާފައިވާ ދުވަހަކީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަސް ކަމުގައެވެ.

"ގަވާއިދު ބުނަގޮތުން އިއްޒަތްތެރި މެމްބަރުންނަށް ބަޖެޓް އަޅުގަނޑަށް ދެވެން މި އަންނަނީ ވަޒީރު ބަޖެޓް ހުށައެޅުއްވީމަ. މިވަގުތުކޮޅު ތެރޭގައި މިތަނުގެ އިދާރާގެ ހުރިހާ ބޭފުޅުންނަސް އިނގޭތޯ ބަޖެޓް ބެއްލެވޭ. އޭގެ ތެރޭގައި ސައި ބަހައްޓާ ބޭފުޅުންވެސް. އަދި ގަސް އިންދާ ބޭފުޅުންނަށް ވެސް ބަޖެޓް ބެއްލެވޭނެ. ނަމަވެސް އިއްޒަތްތެރި މެންބަރުންނަށް މިނިސްޓަރު ބަޖެޓް ހުށައެޅުއްވީމައި ބެއްލެވޭނީ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ، ީ9 ގައި ބަޖެޓް ހުށައަޅުއްވައި ދެއްވުމުން ގެއްލުމެއް އަދި އުނިކަމެއް ނެތް ކަމަށާއި 9 ގައި ބަޖެޓް ހުށައެޅުއްވުމަށް ފަހު ހަފްތާއެއްގެ ނޯޓިސް ދެއްވާނެ ކަމަށެވެ. އަދި ބަޖެޓް ހުށައެޅުއްވުމާއި އެކު ކޮމިޓީގައި ބަޖެޓްގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް ވިދާޅުވިއެވެ.

"އޭގެ ހަފްތާއެއް ފަހުން 16 ވަނަ ދުވަހު ބަޖެޓްގެ ބަހުސް ފެށޭނެ. ކޮންމެ އިއްޒަތްތެރި މެމްބަރަކަށް 15 މިނެޓް ލިބިވަޑައިގަންނަވާނެ. ރެޔާއި އެކީގައި އަޅުގަނޑުމެން ގެންގޮސް އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ޑިސެންބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބަޖެޓްގެ މަސައްކަތް އަޅުގަނޑުމެނަށް ނިންމޭނެ." ރައީސް ނަޝިދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މާލިއްޔަތު ގާނޫނު ބުނާ ގޮތުން ކުރީ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ