ބަޖެޓް 2021: ސިއްހީ ދާއިރާއަށް 4 ބިލިއަން ރުފިޔާ

2021 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 4 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅަިއފިއެވެ.

ބަޖެޓް ހުށައަޅުއްވަމުން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވީ، 2021 ވަނަ އަހަރާވެސް މިކުރިމަތިލަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި އުންމީދަކީ މި ބައްޔަށް ވެކްސިނެއް ނުވަތަ ފަރުވާއެއް އަވަހަށް ހޯދިގެން ދިއުން ކަމަށެވެ. އަދި މިބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށާއި މިގޮތުން ސިއްހީ ދާއިރާއަށް ވާނީ 4 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައި ކަމަށް ވިދާޅުވިއެވެ.

"މިބަޖެޓުގައި ވާނީ ކޮވިޑް-19 އާ ދެކޮޅަށް އާންމު ސިއްހީ ދާއިރާއިން މިހާރުވެސް ކުރިއަށް ގެންދަމުންދާ މަސައްކަތްތަކަށް ބަޖެޓު ކަނޑައަޅާފައި. ކުރިއަށް އޮތްތާގައިވެސް މި ވައިރަސް ކޮންޓްރޯލް ކުރެވެން އޮތީ ޓެސްޓު ކުރާ އަދަދު އިތުރުކޮށްގެންނާއި، ކޮންޓްރެކްޓް ޓްރޭސިންގ އާއި، ބަލި މީހުން އެކަހެރި ކުރުން ކުރިއަށް ގެންދެވިގެން. މީގެ އިތުރުން ފަތުރުވެރިކަން ވެސް ރަނގަޅަށް ހުޅުވާލެވެން އޮތީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން. އަދި މާތް ﷲ ގެ އިރާދަފުޅާއެކު މި ބައްޔަށް 2021 ވަނަ އަހަރުގައި ވެކްސިންއެއް ފެނިއްޖެނަމަ މި ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޖެޓުގައި ޖާގަ ދެވިފައިވާނެ." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، އޯގާތެރި ސަރުކާރުގެ އެއް އަސާސަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުން ކަމަށާއި މިގޮތުން މިދާއިރާއިން ސަރުކާރުން ކުރަމުންގެންދާ އެންމެ މުހިއްމު އެއް ކަމަކީ، 5 ސަރަހައްދެއްގައި ޓަރޝަރީ ފެންވަރަށް ސިއްހީ ޚިދުމަތް ތަރައްޤީކުރުން ކަމަށެވެ.

"ޓަރޝަރީ ފެންވަރަށް މި ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުން ފެށުނު މަޝްރޫއުތައް 2021 ވަނަ އަހަރުގައި ކުރިއަށްދާނެ. ފުރަތަމަ އަހަރުން ފެށިގެންވެސް މި ސަރުކާރުން ސިއްޙީ ދާއިރާއަށް ކުރަމުން މިގެންދާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން، މި ފުރަބަންދުގެ ތެރޭގައިވެސް ރައްޔިތުންނަށް އޭގެ ފައިދާ އިންތިހާއަށް ލިބެމުންދާ ތަން ފެނިއްޖެ." އަމީރު ވިދާޅުވިއެވެ.

2021 ވަނަ އަހަރު ކުރުމަށް ނިންމާފައިވާ އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ސިއްޙީ ނިޒާމަށް މިހާތަނަށް އަންނާނެ އެންމެ ބޮޑު އިންގިލާބީ ބަދަލަށް ވެގެންދާނެ ކަމަށާއި މީގެއިތުރުން، އަތޮޅު ތެރޭގައި ޕްރައިމަރީ ހެލްތުކެއަރގެ ޚިދުމަތް ފުޅާކުރުމާއި، ފަސޭހައިން ލެބޯރެޓަރީގެ ޚިދުމަތްތައް ލިބޭނެ މަގު ފަހިކުރުމަށް މޯބައިލް ލެބްގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އަޟިރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، ސިއްހީ ދާއިރާއިން އަލަށް ފެށުމަށް ކަނޑައަޅާފައިވާ މުހިންމު އެއް މަޝްރޫއަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ކެންސަރ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއު ކަމަށާއި މި މަޝްރޫއު ވެގެންދާނީ ކެންސަރާ އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 އިންސައްތަ ދަށް ކުރުމަށް އަޅުގަނޑުމެން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މުހިންމު މަޝްރޫއަކަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ