ރޭ އިފްތިތާހުކުރި ފައިނޭންޝަލް ސެންޓަރަކީ ދިވެހި ރައްޔިތުންގެ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ އިތުރުން އިޤްތިޞާދު ތަނަވަސްކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު އިފްތިތާހުކުރުމަށް ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) އުފެއްދުމަށް ނިންމައި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މިއީ ވަރަށް މުހިންމު މަޝްރޫޢެއް ކަމަށާއި މިއީ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ އިތުރުން އިޤްތިޞާދު ތަނަވަސްކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ.
"މީގެ ސަބަބުން ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި އައު ޚިޔާލުތައް ގެންގުޅޭ ވިޔަފާރިވެރިން މި ތަނަށް އަންނާނެ،" ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ އެމްއައިއެފްސީގެ ސަބަބުން އެތައް ދިވެހިންނަށް އެތައް ހާސް ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށެވެ. އަދި އެތަނުގެ ސަބަބުން ދިވެހިން ފަހުރުވެރިވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
"އެއީ ރާއްޖޭގެ އިގްތިޞާދަށާއި ދިވެހި ދައުލަތުގެ މިނިވަންކަމަށް ވަރަށް ހާއްސަ މަޝްރޫއެއް" ޒަމީރު ވިދާޅުވެފައި ވެއެވެ.
އެެ މަޝްރޫޢުގެ މުޅި މާސްޓަރ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައި ވަނީ ދިވެހިރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ.
މި ތަރައްޤީގެ މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.
2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރޭވިފައިވާ މި މަޝްރޫޢަށް ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ފަސޭހައިން ވާޞިލުވެވޭނެއެވެ. ފިނޭންސް މިނިސްްޓްރީން ބުނީ މި މަޝްރޫޢުގެ މަޤްޞަދަކީ 4 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ.) ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުން ކަމަށެވެ.