މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 18.6 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިހާތަނަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.5 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެގޮތުން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 14.2 ބިލިޔަން ރުފިޔާއެވެ.
ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލާ ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 92.0 އިންސައްތަ އިތުރުވެފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 55.0 އިންސައްތަ އިތުރުވެފައިވެއެވެ. އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ މިންވަރު 21.1 އިންސައްތައިން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
މީގެއިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 52.5 އިންސައްތަ އިތުރުވެފައިވެއެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.1 އިންސައްތައިން އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވުމެވެ.
އާމްދަނީ އިތުރުވުމާއެކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވުނު ފައިސާގެ އަދަދުވެސް 60.1 އިންސައްތަ އިތުރުވެ، 1.0 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި އަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 46.7 އިންސައްތަ މިހާރު ވަނީ ލިބިފައެވެ.