ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު - ފޮޓޯ: މިހާރު

2020 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިސާދު 29.3 އިންސައްތައިން ދަށަށް ދާނެކަމަށް ބެލެވޭ: އަމީރު

2020 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިސާދު 29.3 އިންސައްތައިން ދަށަށް ދާނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރުގެ ބަޖެޓް ހުށައަޅުއްވަމުން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ، ދުނިޔޭގެ އިޤްތިސާދަށް ބަލާލާއިރު، ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސާދުވެސް ވަނީ ރެސެޝަންއަކަށް ގޮސްފައި ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި ދުނިޔޭގެ އިޤްތިސާދު މި އަހަރު 4.4 އިންސައްތައިން ދަށަށްދާނެ ކަމަށެވެ. ތަރައްޤީ ވަމުން އަންނަ ޤައުމުތަކާއި، ރާއްޖެ ފަދަ ޖަޒީރާ އަދި ޓޫރިޒަމަށް ބަރޯސާވާ ޤައުމުތަކަށް ކޮށްފައިވާ އަސަރު އަދި މާ ބޮޑު ކަމަށް ވިދާޅުވިއެވެ.

"އަންނަ އަހަރު ދުނިޔޭގެ އިޤްތިސާދުކުރިއަރާނެކަމަށް އައި.އެމް.އެފް އިން ލަފާކުރަނީ 5.2 އިންސައްތައިން. ކޮވިޑް-19 އާ ގުޅިގެން ޤައުމުތައް ވެއްޓިފައިވާ އިޤްތިސާދީ ވަޅުގަނޑުން އަރައިގަނެ ބަލިމަޑުކަމުގެ ކުރީގެ ލެވެލްއާ ހިސާބަށް ދިއުމަށް އުނދަގޫ ދަތުރެއް އޮތް ކަމަށް ތަޖުރިބާކާރުން ދެކޭ." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ފިސްކަލް ޕޮލިސީ ކަނޑައަޅައި ބަޖެޓު ތައްޔާރުކުރުމުގައި ބަލާ އެންމެ މުހިންމު އެއް އަސާސަކީ އިގްތިސާދީ އަދި މާލީ ހާލަތު ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދު އަދި މާލީ ހާލަތު މި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށެވެ. އަދި މީގެ ކުރިން ދިމާވި ހުރިހާ އިޤްތިސާދީ ޝޮކްތަކާއި ޚިލާފަށް، މި ދަށްވި ދަށްވުން މިވަނީ ދިގުލައި ގޮސްފައި ކަމަށް ވެސް ވިދާޅުވިއެވެ.

2020 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިޤްތިސާދު 29.3 އިންސައްތައިން ދަށަށް ދާނެކަމަށް ބެލެވޭ ކަމަށާއި މިއީ މީގެ ކުރިން އަހަރެއްގެ ތެރޭގައި ދުވަހަކުވެސް ދަށްވި މިންވަރެއް ނޫން ކަމަށް އަމީރު ވިދާޅުވިއެވެ. މި ކަމުގެ އަސަރު ރާއްޖޭގެ ހުރިހާ ސިނާއަތަކަށް ވަނީ ކޮށްފައި ކަމަށާއި ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މިއަހަރު 65 އިންސައްތަ ދަށަށް ދާނެ ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާ 68 އިންސައްތަ ދަށަށް ދާނެކަމަށް ބެލެވޭއިރު އިމާރާތްކުރުމުގެ ދާއިރާއަށްވެސް ވަނީ 11 އިންސައްތައިގެ ދަށްވުމެއް އައިސްފައި ކަމަށް އަމީރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ