2021 ވަނަ އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާގެ މަސައްކަތަށް 998.5 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ގޮތުގައި، 34.79 މިލިއަން ރުފިޔާ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފައިވަނީ މިއަދުއެވެ.
2021 ވަނަ އަހަރުގެ ބަޖެޓް ހުށައަޅުއްވަމުން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ، ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޙައްޤެއް ކަމަށާއި ސަރުކާރުން ވަޢުދުވެފައިވާގޮތަށް، އަޅުގަނޑުމެންގެ އަމާޒަކީ 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން ކަމަށެވެ. އަދި މިހާތަނަށް މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި 2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށުން ކަމުގައި ވިދާޅުވިއެވެ.
މި އަންނަ އަހަރުގެ ބަޖެޓުގައި 169 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށާއި މިއީ، ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އަތޮޅުތަކުގައި ހިންގާފައިނުވާވަރުގެ ބޮޑު މަޝްރޫޢެއް ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، 2021 ވަނަ އަހަރުވެސް ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް ކަމަށާއި 2021 ވަނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށެވެ.
2020 ގައި ހުށަހެޅި ބަޖެޓަށްވުރެ މިބަޖެޓު ކުޑަކުރި ނަމަވެސް، އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑެވެ. 2021 ވަނަ އަހަރުގެ ބަޖެޓު، ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.



