ރާއްޖޭގައި ޓެލެކޮމް ހިދުމަތް އިތުރު ކުންފުންޏަކަށް ދިނުމަށް ޓެންޑަރިން އަށް ހުޅުވާލާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެކަން ހާމަކުރީ 2021 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ބަޔާނުގަ އެވެ.
އާމްދަނީ އިތުރު ކުރުމުގެ ގޮތުން އާމްދަނީއާ ގުޅުން ހުރި ބައެއް ސިޔާސަތުތަކަށް އަންނަ އަހަރު ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
މިގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައިވާ އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެނައުމުގެ ބިލް ފާސްވެ، އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒުކުރެވޭނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކޮށް، މި ސިނާއަތުން އާމްދަނީ ހޯދުމަށް ބެލިފައިވާއިރު، ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން އާ ރިޒޯޓްތައް ތަރައްޤީކުރުމަށް ހުޅުވާލުމަށް ރޭވިފައިވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
"ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ރޭވިފައިވޭ. އަދި ރާއްޖޭގެ ރަށްތަކުގެ ބިން، ވަކިން ޚާއްސަކޮށް ހިއްކާފައިވާ ބިންތަކުގެ ވަކި އިންސައްތައެއް، އާންމުންނަށް ވިއްކުމަށް ހުޅުވާލެވޭނެ. އަދި ލެގޫން ލޭންޑް ކޮންސެޕްޓެެއް ތައާރަފްކޮށް، ވަކި އުސޫލުތަކެއްގެ ތެރެއިން ރަށްރަށުގެ ފަޅުތައްވެސް ބިމެކޭ އެއްގޮތަށް ތަރައްޤީކުރުމަށް ހުޅުވާލެވޭނެ. މީގެ އިތުރުން ޕާކިންގ ސްލޮޓްތައް ހަދައި ކުއްޔަށްދިނުމާއި ކޮންޖެޝަން ޗާޖެއް ތައާރަފުކުރުމަށްވެސް ރޭވިފައިވޭ. މިގޮތުން އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކުން އަންނަ އަހަރު 1.2 ބިލިއަން ރުފިޔާ ހޯދޭނެކަމަށް އަންދާޒާކޮށްފައިވާނެ." އަމީރު ވިދާޅުވިއެވެ.
ކުރިއަށް އޮތް 2021 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ގޮތުގައި 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ވަނީ މަޖިލީހަށް ހުށަހަޅައިފި އެވެ.



