ކޯވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ލިބޭ ގެއްލުން 36 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ، ކައުންސިލަރުން ދައުލަތުގެ މާލިއްޔަތު ޤަވައިދަށް އަހުލުވެރިކުރުވުމުގެ ތަމްރީން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
އަމީރު ވިދާޅުވީ، 2020 ވަނައަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީއަށް ބަލާއިރު, 2020 އިން ފެށިގެން 2022 ނިޔަލަށް, މި ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެކަމަށެވެ. އެއީ ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރުގެ ގެއްލުމެކެވެ.
މި ދުވަސްވަރަކީ މުޅި ދުނިޔެވެސް ބޮޑު އިޤްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ދުވަސްވަރެއްކަން ފާހަގަކުރައްވަމުން، މިނިސްޓަރ ވިދާޅުވީ ދައުލަތައް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ޚަރަދުތައް ކުޑަކުރަންޖެހޭކަމަށެވެ.
"އެހެންކަމުން މި ގެއްލުމުން އަންނަ ލޮޅުން ކުޑަކުރުމަށް ޚަރަދުތައް ކުޑަކުރަންޖެހޭ. އަދި ކޮންމެ ޚަރަދަކުން ލިބޭ މަންފާ އިތުރުކުރަން ޖެހޭ. މި ޕެންޑެމިކް އާއި ގުޅިގެން އިތުރުވި ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަކުރުމަކީ މެދުރާސްތާގައި ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު ކުރިން ނެތް އެތައް އެތައް ކަންތައްތަކެއް ކުރުމުގެ ދޮރު މިހާރު ކައުންސިލްތަކަށް ފަހިވެފައިވާކަމަށެވެ. އެގޮތުން އާމްދަނީ ހޯދުމަށް ވިޔަފާރި ކުރުމަށް ކައުންސިލްތަކަށް މިހާރު ފުރުސަތު ހުޅުވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.



