ބަޖެޓް 2021: 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކަނީ!

2021 ވަނަ އަހަރުގެ ބަޖެޓަށް ހޯދާ ފައިނޭންސްގެ ބޮޑުބައެއް ހޯދުމަށް ރޭވިފައިވަނީ ރާއްޖެއިން ބޭރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެކަން ހާމަކުރީ 2021 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ބަޔާނުގައެވެ.

މީގެ ބޭނުމަކީ ބޭރު ފައިސާ ވަންނަ މިންވަރު މަދުވެފައިވާތީ، މި އަޑިގަނޑުގެ ތެރޭގައިވެސް ރާއްޖޭގެ ރަސްމީ ރިޒާވް ހިފެހެއްޓުމަށް އެހީތެރިވުމާއި، ދިވެހި ރުފިޔާގެ އަގުހިފެހެއްޓުމަށް އެހީތެރިވުމަށްކަމަށް އަމީރު ވިދާޅުވިއެވެ.

މިގޮތުން އަންނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކުމަށް ވަނީ ރޭވިފައި ކަމަށާއި މިއީ އިސްލާމިކް ކޯޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އާ ގުޅިގެން ވިއްކުމަށް ހަމަޖެހިފައިވާ ސުކޫކެއް ކަމަށް އަމީރު ވިދާޅުވިއެވެ.

"މި ކަމުގެ އެގްރީމަންޓެއް މިހާރުވެސް އެފަރާތާއެކު ވަނީ ހެދިފައި. މީގެ އިތުރުން އިނޮވެޓިވް ފައިނޭންސިންގ ގެ ގޮތުގައި ގްރީން ބޮންޑެއް ނުވަތަ ބްލޫ ބޮންޑެއް ވިއްކުމަށް މަސައްކަތްކުރެވޭނެ. މި ބޮންޑުން 100 މިލިއަން އެމެރިކާ ޑޮލަރު ހޯދޭތޯ މަަސައްކަތްކުރެވޭނެ. އަދި ދޭދޭ ޤައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ރޭވިފައިވޭ." އަމީރު ވިދާޅުވިއެވެ.

އަދި މިނޫނަސް ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ރަހުމަތްތެރި ޤައުމުތަކާއެކު ފައިނޭންސް ހޯދުމުގެ މަސައްކަތްތަކެއް ވަނީ ކުރެވިފައި ކަމަށާއި މި މަސައްކަތްތައް މި ވަގުތަށް މަޑުޖައްސާލެވިފައިވަނީ ދުނިޔޭގެ މާކެޓުތައް ރަނގަޅު ވަންދެން ކަމަށްވެސް އަމީރު ވިދާޅުވިއެވެ. މިގޮތުން ޖަޕާނާއެކު މިދިޔަ އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތްފެށި ސަމުރާއީ ބޮންޑު ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ މާކެޓަށް ޓްރެޜަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިންގ ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ އިތުރަށް ހޯދުމަށް ރޭވިފައިވާ ކަމަށާއި މިއީ ކުރީ އަހަރު ތަކުގެ ޑޮމެސްޓިކް މާކެޓުގެ ނެޓް ފައިނޭންސިންގ ގޮތުގައި ހޯދި އަދަދަށްވުރެ ކުޑަ އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވިޔަފާރިތަކުގައި ސަރުކާރުގެ ހިއްސާކުޑަކޮށް ޕްރައިވެޓައިޒްކުރުމަކީ ސަރުކާރުގެ އަމާޒެއް. މީގެ ބޭނުމަކީ ކުންފުނިތަކަކީ ހިންގުން ރަނގަޅު އަދި ފައިދާ ނެރޭ ކުންފުނިތަކަކަށް ހެދުން. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު ޑިވިޑެންޑެއް ދައްކަމުން އަންނަނީވެސް ޕްރައިވެޓް ސެކްޓަރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ސްޓޮކް މާކެޓުގައި ލިސްޓުކުރެވިފައިވާ ކުންފުނިތައް. އެހެންކަމުން ވަކި އުސޫލެއްގެ ދަށުން، މި ދިމާލަށް ކުންފުނިތައް ފައްސިޔަކުރުމަކީ މުސްތަގުބަލަށް މުހިއްމުކަމެއް. އަދި އެކި ދިރާސާ ރިޕޯޓްތަކުގެ ރިކޮމެންޑޭޝަނެއް. އެހެންކަމުން ކުންފުނިތައް ލިސްޓުކުރުމާއި، ސްޓްރެޓިޖިކް ޕާޓްނަރުން ހޯދުމާއި، ޕްރައިވެޓައިޒްކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ޕްލޭންތައް ބަޖެޓުގައި ހިމެނޭ. މިގޮތުން 462.6 މިލިއަން ރުފިޔާ 2021 ވަނަ އަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާނެ." އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ 34,787,720,151 ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ