2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 124.8 އިންސައްތަ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރީ 2021 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ބަޔާނުގައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، މި ވަގުތަކީ އިޤްތިސާދީ ހަރަކާތްތައް ހުއްޓުނަނުދީ ހިފަހައްޓަންވީ ވަގުތު ކަމަށާއި މި ވަގުތު އިގްތިސާދުގައި އެންމެ މުހިއްމު ރޯލެއް ކުޅެވޭނީ ސަރުކާރަށް ކަމަށެވެ.
"މި ވަގުތު އިގްތިސާދުގައި އެންމެ މުހިއްމު ރޯލެއް ކުޅެވޭނީ ސަރުކާރަށް، ފިސްކަލް ޕޮލިސީގެ ތެރެއިން. އިގްތިސާދީ ކުރިއެރުން އަވަސްކޮށް، މި އަޑިގަނޑުން އަރައިގަތުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރާނެ. ނަމަވެސް އިޤްތިސާދު މެނޭޖްކުރުމަށްޓަކައި މި ވަގުތު ދޭން އޮތް ފަރުވާގެ ސައިޑް އިފެކްޓަކީ ދަރަނި މައްޗަށް ދިއުން." އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، މި ވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެ ކަމަށާއި މެދުރާސްތާގައި ދަރަނި 'ސަސްޓެއިނަބަލް' މަގަށް ގެންނަން، ޖީޑީޕީ އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ޖީޑީޕީ މިހާރު ދަށަށްދާ ދިޔުން ހުއްޓުމަކަށް ގެނެސް، 2021 ވަނައަހަރު 'ގްރޯތް ޕާތް' އަކަށް ދާންޖެހޭ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"2021 ވަނައަހަރު ބަޖެޓުގެ އަމާޒަކީ މިއީ. ސަރުކާރުގެ އަމާޒަކީ ނޮމިނަލް ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ދަރަނި މައްޗަށް ދާ މިންވަރަށްވުރެ މަތީގައި ބެހެއްޓުން." އަމީރު ވިދާޅުވިއެވެ.
ނަމަވެސް ކޮވިޑްއާއި ހެދި އަންދާޒާކުރި ގޮތާއި ޚިލާފަށް ޖީޑީޕީ 29.3 އިންސައްތަ އިން ދަށްވެ، އާމްދަނީ ދަށްވުމާއި ގުޅިގެން އިތުރު ދަރަނި ނަގަންޖެހުމުން، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު މިވަނީ އިތުރުވެފައިކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
"އެހެންކަމުން ދަރަނި މެނޭޖްކޮށް ބެލެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް އޮތް ގިނަ އަހަރުތަކުގައި ކުރަން ޖެހޭނެ. މިހާރުވެސް ދަނީ ކުރަމުން. މިކަމުގައި ސަރުކާރުން ދަނީ ތަޖްރިބާކާރުންގެ ލަފާއާއި އިރުޝާދު ބޭނުންކުރަމުން. މިކަމުގައި މި އިއްޒަތްތެރި މަޖުލިހުގެ ލަފާވެސް ބޭނުންކުރަމުން ގެންދާނަން. ދަރަނީގެ ނިސްބަތް ދެމެހެއްޓެނިވި މަގަށް ގެނައުމަކީ ކުރަންޖެހޭ ކަމެއް. ދެމިހެއްޓެނިވި މަގަށް ގެނައުމަށް 'ފިސްކަލް ކޮންސޮލިޑޭޝަން' ނުވަތަ ކަމަރު ބާރުކުރުމަކީ މިވަގުތު ބުއްދިވެރިކަމެއް ނޫން. ކަމަރު ބާރުކުރަންވާނީ ރިކަވަރީއަށް ފަހު. އޤްތިސާދީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ކޮވިޑް-19 ގެ ތަދުމަޑުކަމަކީ ކުރު މުއްދަތުގެ މައްސަލައެއް. އަޅުގަނޑުމެން މިއީ އަހަރުތަކަކަށް ދިގުދެމިގެންދާ މައްސަލައަކަށް ހަދައިގެން ނުވާނެ. ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާނީ މި ހާލަތުން އަވަހަށް އަރައިގަނެ އިޤްތިސާދު އަލުން އާރާސްތުކުރުމަށް." އަމީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ލޯނު ނެގުމުގައި ކޮންސެޝަނަލް ލޯނު ނެގުން ކަމަށާއި އަދި މިކަމަށް ފޯކަސްކޮށް، ކްރެޑިޓަރސް ކޮންފަރެންސެއް ބޭއްވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޖީ-20 ޑެޓް ސަސްޕެންޝަން އިނިޝިއޭޓިވްގައި އަޅުގަނޑުމެން މިހާރު މި ވަނީ ބައިވެރިވެފައި. މި ސަސްޕެންޝަން 2021 ވަނައަހަރު އިތުރަށް ކުރިއަށް ގެންދާނެ. މީގެ އިތުރުންވެސް ތަޖްރިބާކާރުންގެ އެހީއާއެކު ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވޭ." މިނިސްޓަރު ވިދާޅުވިއެވެ.




