2021 ވަނަ އަހަރު އާސަންދަ ސްކީމަށް ވާނީ 718 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެކަން ހާމަކުރީ 2021 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ބަޔާނުގައެވެ.
އަމީރު ވިދާޅުވީ، ރައްކާތެރިކަމުގެ ގައުމީ އޮނިގަނޑުގެ ތެރެއިން ދެވެމުންދާ އެހީތައް 2021 ވަނަ އަހަރުގައި ކުރިއަށް ދާނެ ކަމަށެވެ. މިގޮތުން ތަކެތީގެ އަގުހެޔޮ ކުރުމަށްދޭ އެހީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެހީ، އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ އެހީ އާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ ހިމެނޭކަން އަމީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، 2021 ވަނަ އަހަރު ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރިހެބިލިޓޭޝަން ޚިދުމަތްދޭ މަރުކަޒަކާއި، މާލޭގައި ޑޭ ކެއަރ ސެންޓަރެއް ޤާއިމްކުރުމަށް ރޭވިފައިވާކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް މި ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. އަދި ކުޑަކުދިންގެ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމަށާއި، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް ޤާއިމްކުރުމަށް ހިމަނާފައިވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
"ގައުމެއްގެ ހުރިހާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ޔަގީން ކޮށްދެވުމަކީ ދުޅަހެޔޮ އުފެއްދުންތެރި އާބާދީ އެއް ބިނާކުރުމަށް މަގު ފަހިކޮށްދޭ ކަމެއް. ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މިފަދަ ނިޒާމަކުން ރައްޔިތުންނަށް މާލީ ރައްކާތެރިކަންވެސް ފޯރުކޮށްދޭ. މީގެ ފައިދާއާ މެދު އެއްވެސް ޝައްކެތް ނެތް. ނަމަވެސް މިފަދަ ސްކީމެއް ހިންގާއިރު ޚަރަދު އިސްރާފުވުމަށް ފުރުސަތުތަކެއް ހުރިކަން ދެނެގަންނަންޖެހޭ. އަދި ޚަރަދު ބޮޑުވުމަށް މިނިޒާމުގެ ތެރެއިން އިންސެންޓިވް ތަކެއް އުފެދޭކަންވެސް ގަބޫލުކުރަންޖެހޭ. ހަގީގަތަކީ މި ބޭކާރު ވެގެންދާ ފައިސާއަކީވެސް ޓެކްސް އާމްދަނީ އިން ނުވަތަ ދަރަނި ނަގައިގެން ހަމަޖައްސަންޖެހޭ ޚަރަދުތަކެއްކަން. ވީމާ 2021 ވަނަ އަހަރު ވެގެންދާނީ ސިއްހީ އިންޝޫރެންސްގެ ނިޒާމުގައި ހުރި އިންއެފިޝަންސީތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ އަހަރެއް" އަމީރު ވިދާޅުވިއެވެ.
އާސަންދަ އާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމުތަކަށް ޖުމްލަކޮށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ 3.7 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.




