މާފުށި ޖަލު - ފޮޓޯ: އަވަސް

ދެން ޤައިދީންނަށް އާއިލާގެ ބޭފުޅުންނާ ބައްދަލުކުރަން އޮންލައިންކޮށް އެދެވޭނެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ އެސޯސިއޭޓެޑް ޓޯޓަލް އޮފެންޑަރ މެނޭޖްމަންޓް ސަރވިސް (އެޓަމްސް) އީ-ސަރވިސް ޕޯޓަލްގެ ޓަރައިލް ވަރޝަން ތައާރަފްކޮށްފިއެވެ.

މިއަދު ހެނދުނު އެމްސީއެސް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕޯޓަލް ތައާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ މި ޕޯޓަލް މިއަދު ޓްރައިލްގެ ގޮތުގައި ތައާރަފްކުރެވުނު ނަމަވެސް އާންމުންގެ ބޭނުމަށް ހުޅުވާލާނީ 2020 ނޮވެންބަރ 20 ގައި ކަމަށެވެ.

އެޓަމްސް އީ-ސަރވިސް ޕޯޓަލްއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އާންމު ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލްއެކެވެ.

ޕޯޓަލް ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޖަލުން ބޭރުގައިވާ އާއިލާއާއެކު ގާތްގުޅުމެއް ބޭއްވުމަކީ ޤައިދީން ރީހެބިލިޓޭޓްކުރުމަށް ކުރާ މަސައްކަތަށް ވަރަށް މުހިއްމުކަމެއްކަމަށެވެ. އަދި މީގެ ކުރީގައި ޤައިދީންގެ އަތޮޅުތެރޭގައި ތިއްބަވާ އާއިލާތަކަށް ބައްދަލުވުންތަކަށް މާލޭގައި ހުރި ފަރާތެއްގެ އެހީތެރިކަމާނުލައި ރިކުއެސްޓްކުރަން ދަތިވީ ނަމަވެސް، މި ޚިދުމަތް މެދުވެރިކޮށް އެފަރާތްތަކަށް އޮންލައިންކޮށް ކޮންމެ ތާކު ތިއްބަވައިގެންވެސް ރިކުއެސްޓްކުރެވިދާނެކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓަރ ވަނީ މި ޕޯޓަލް ތަޢާރަފް ކުރެއްވުމަށް އައިޓީ ޓީމް ކުރެއްވި މަސައްކަތަށް އިޙުލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ އީ-ސަރވިސް ޕޯޓަލް ތައާރަފްކުރުމުން އާންމުންނަށް އެމްސީއެސްގެ ހިދުމަތްތައް ހޯދުމަށް ލިބޭ ވަރަށް ބޮޑު ލުއި ފަސޭހަކަމަކަށް ވެގެންދާނެކަމަށެވެ. މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތް މިހާރަށް ވުރެ އެފިޝަންޓްވެ، މަސައްކަތް އަވަސްވެގެންދާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މި ޕޯރޓަލް ފަރުމާކުރެވިފައިވާ ވަނީ ދެ ބަޔަކަށެވެ. އެއީ އާންމު ރައްޔިތުންނަށް ހިދުމަތްތަކަށް އެދުމަށް ހުޅުވާލެވިފައިވާ ޕަބްލިކް ޕޯރޓަލްއަކާއި އެމްސީއެސްގެ މުވައްޒަފުންގެ ބޭނުންތަކަށް ތައްޔާރުކުރެވިފައިވާ އެޑްމިން ޕޯޓަލްއެކެވެ. ޕަބްލިކް ޕޯޓަލްއިން ޚިދުމަތްތަކަށް އެދުމުން އެޑްމިން ޕޯޓަލް މެދުވެރިކޮށް އޮފިސަރުނަށާއި މުވައްޒަފުންނަށް ކުރިއަށްވުރެ އަވަސް މުއްދަތެއްގައި ރިކުއެސްޓްތައް ޕްރޮސެސްކޮށް ހަމަޖެހިގެންދާނެއެވެ.

މިގޮތުން މި ޕޯޓަލް މެދުވެރިކޮށް ބައްދަލުވުންތަކަށް އެދިލައްވާ ފަރާތްތަކުގެ ރިކުއެސްޓްތައް ޗެކް ކުރުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް 1 މަސައްކަތު ދުވަސް ތެރޭގައި ބައްދަލުވުމާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ. އަދި ހަމަ އެފަދައިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ރިކުއެސްޓް ރިޖެކްޓްކުރުވުނުކަންވެސް 1 މަސައްކަތު ދުވަސް ތެރޭގައި އެންގޭނެއެވެ.

އެޓަމްސް އީ-ސަރވިސް ޕޯޓަލް މެދުވެރިކޮށް އެމްސީއެސްގެ އިސްވެރިންނާއި އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އޮންލައިންކޮށް އެދެވޭނެއެވެ. ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުވުމަށް އެދިލެއްވޭނީ އެފަރާތްތަކުގެ ޤާނޫނީ ވަކީލުންނަށާއި އާއިލާގެ ފަރާތުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ