މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ގައިދީންގެ ގޮތުގައި ޙުކުމް ތަންފީޒުކުރާ މީހުންގެ ތެރެއިން މަސައްކަތްކުރާ މީހުންނަށް ދޭ އެލަވަންސް 20 އަހަރު ފަހުން ބޮޑުކޮށްފައެވެ. މި ބަދަލާއެކު، މަސައްކަތްކުރާ ގައިދީންނަށް ދުވާލަކަށް އެންމެ ދަށްވެގެން 50 ރުފިޔާ އަދި އެންމެ މަތިވެގެން 150 ރުފިޔާ ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މީގެ ކުރިން ގައިދީންނަށް މަސައްކަތްކުރުމުން ދެމުން ގެންދިޔައީ ދުވާލަކަށް 30 ރުފިޔާއެވެ. ނަމަވެސް މިއީ މިހާރުގެ ޒަމާނަށް ނުފެތޭ އަދި ވަރަށް ކުޑަ އަދަދެއްކަމަށް ފެންނާތީ، އެލަވަންސްތައް މުރާޖަޢާކުރުމަށްފަހު މި ބަދަލު ގެނެސްފައިވާކަމަށް އެ ސަރވިސްއިން ވިދާޅުވިއެވެ.
ޖަލުގައި ގައިދީން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ވެލްޑިންގ، އަތްތެރި މަސައްކަތް، ދަނޑުވެރިކަން، ސިމެންތި ޖެހުން، ލޯންޑްރީގެ މަސައްކަތްތަކާއި އަދި އެހެނިހެން ޔުނިޓުތަކުގެ މަސައްކަތްތައް ހިމެނެއެވެ. މި މަސައްކަތްތައް ކުރުމަށް ގައިދީން އެކި ގްރޭޑްތަކަކަށް ބަހާލެވިފައިވާއިރު، ޚާއްސަ މަޝްރޫޢުތަކާ ގުޅިގެން ކުރާ މަސައްކަތްތަކަށް އިތުރު އެލަވަންސްތައްވެސް ދެވޭކަމަށް އެ ސަރވިސްއިން ފާހަގަކުރެއްވިއެވެ.
މި އައު އެލަވަންސް ރޭޓްތަކަށް ޢަމަލުކުރަން ފަށާފައިވަނީ 16 ޖުލައި 2023 އިން ފެށިގެންނެވެ. ޖަލުގައި ދިގު މުއްދަތަކަށް ޙުކުމް ތަންފީޒުކުރާ މީހުން މުޖުތަމަޢަށް އަނބުރާ ނުކުންނައިރު، އެމީހުންނަކީ މަސައްކަތްތެރި އަދި ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި، އެކި ބާވަތުގެ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް ޖަލުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
އަދި ގައިދީންގެ ހުނަރުވެރިކަން ދައްކުވައިދިނުމުގެ ގޮތުން، އެކި ދުވަސްވަރު އެގްޒިބިޝަންތައް ބޭއްވެމުންދާއިރު، މީގެ ތެރޭގައި ދަނޑުވެރިކަމުގެ އުފެއްދުންތަކާއި އަތްތެރި މަސައްކަތުގެ އުފެއްދުންތައް ހިމެނޭ އެގްޒިބިޝަންތައް މީގެ ކުރިންވެސް ވަނީ ބާއްވާފައެވެ.



