އިންޑިއާގެ ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގައި ރާއްޖެއަށް އިސްކަން ދެނީ

އިންޑިއާއިން އުފައްދާ ވެކްސިން ފޯރުކޮށްދިނުމުގައި ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ވިދާޅުވެއްޖެއެވެ.

މިކަން އިއުލާންކުރީ، މިއަދު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ކުރެއްވި މަޝްވަރާގެ ތެރެއިންނެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ވިދާޅުވީ، މިއަދު ބޭއްވި ބައްދަލުވުމުގައި ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދުއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ މަޝްވަރާކުރެއްވިކަމަށެވެ. އަދި ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށެވެ.

މި ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އިންޑިއާއިން ވަރަށް އަވަހަށް ފޯރުކޮށްދެއްވާފައިވާތީ، އެކަމަށް މިނިސްޓަރ ޝާހިދު ޝުކުރުއަދާކުރެއްވި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދުގެ ދަޢުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް މިކުރައްވާ ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާނެއެވެ. މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރިންގްލާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަވެސް މިއަދު ވަނީ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ