ބީއެމްއެލް ކޭޝް އެޖެންޓް މެދުވެރިކޮށް ހިލޭ ފައިސާ ނެގޭގޮތް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޭޝް އެޖެންޓުން މެދުވެރިކޮށް ހިލޭ ފައިސާ ނެގޭ ގޮތް ހަމަޖައްސައިފިއެވެ.

ބީއެމްއެމް އިން ވިދާޅުވީ، މި ބަދަލާއެކު ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ކޭޝް އެޖެންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާ ނަގާއިރު ފީ ގެގޮތުގައި ކުރިން ނަގަމުން އައި 10 ރުފިޔާ ނުނަގާނެކަމަށެވެ. އެކައުންޓުން ފައިސާ ނެގުމުގެ އިތުރަށް މިވަގުތު 40 ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މިބަދަލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ "މި ފީ ނެގުން ހުއްޓާލެވިގެން މިދިޔައީ ކަސްޓަމަރުންނަށް އަގުހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން. ބޭންކުގެ އޭޓީއެމްގެ ހިދުމަތެކޭ އެއްފަދައިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްވެފައިވާ އަޅުގަނޑުމެންގެ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމާއި ފައިސާދެއްކުމުގެ ހިދުމަތް ލިބޭނެ. ކޭޝް އެޖެންޓް ވިއުގަ ފުޅާކުރެވިގެންދިޔުމާއެކު މިވަނީ ބޭންކިންގ ހިދުމަތް ހޯދުމަށް އެންމެ ކައިރީގައިވާ އޭޓީއެމް ނުވަތަ ބްރާންޗަށް ކަސްޓަމަރުން ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނެވިފަ. އަދި މި ހިދުމަތާއެކު ރަށްރަށުގައި މިވަނީ ފަސޭހަކަމާއެކު އަސާސީ ބޭންކިންގ ހިދުމަތް ހޯދޭނެ މަގުފަހިވެގެން ގޮސްފަ."

މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށްޓަކައި ބޭންކުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ހިދުމަތް ދިނުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ.

މިއަދާ ހަމަޔަށް 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ފައިސާ ނެގުމުގެ ހިދުމަތް ދަނީ ފޯރޮކޮށްދެމުންނެވެ. އަދި 40 އެޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ