ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ ބީއެމްއެލް އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓް 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.
މި ނިންމުން ތަންފީޒު ކުރުމަށް ނިންމައިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މީގެ ކުރިން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ކާޑުން ނެގެނީ އެންމެ ގިނަވަގެން 750 ޑޮލަރެވެ. ނަމަވެސް މި އަދަދު 1200 އަށް ބޮޑުކުރުމަށް ސަރުކާރުން ނިއްމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
މި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކުގެ ތަފްސީލު ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ ބީއެމްއެލް އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓް އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިއްމަވައިފައިވާ ކަމަށެވެ.
ނާޡިމް އިތުރަށް ވިދާޅުވީ، މި ނިންމުމާ ގުޅިގެން ކުރަންޖެހޭ ޓެކްނިކަލް އިދާރީ މަސައްކަތްތައް ފިނޭންސް މިނިސްޓްރީ، ބީއެމްއެލް އަދި އެމްއެމްއޭ އާއި ގުޅިގެން ކުރިއަށްގެންދާނެ ކަމަށެވެ.
								
											

														