3 ރަށެއްގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރައްވައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މިކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައިވާ މަޝްރޫއުތަކަކީ، އއ. އުކުޅަސް ބަނދަރު ހެދުމާއި ފެރީ ޓާރމިނަލް ތޮށި ހެދުމުގެ މަސައްކަތާއި ޅ. ހިންނަވަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތާއި އަދި އއ. މާޅޮސް ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ.
އުކުޅަސް ބަނދަރު ހެދުމާއި ފެރީ ޓާރމިނަލް ތޮށި ހެދުމުގެ މަޝްރޫޢުއަކީ 19،925،160.24 ރުފިޔާގެ މަޝްރޫޢެކެވެ. އަދި ހިންނަވަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުއަކީ 99،521،076.22 ރުފިޔާގެ މަޝްރޫއުއަކަށްވާއިރު މާޅޮސް ބަނދަރު އަޕްގްރޭޑް ކުރުމުގު މަޝްރޫއުއަކީ 56،970،122.62 ރުފިޔާގެ މަޝްރޫއެކެވެ.