ވާނާ ބްރަދާސްގެ ކާމިޔާބު ސިލްސިލާ ފިލްމް "ފެންޓާސްޓިކް ބީސްޓް"އިން މަޝްހޫރު އެކްޓަރު ޖޯނީ ޑެޕް ވަކިކުރުމުން، ޖޯނީގެ ކުރީގެ އަންހެނުން އެމްބަރ ހެޑް، "އެކުއަމޭން"ގެ ދެވަނަ ބައިން ބޭރުކޮށްލުމަށް ގިނަ އަދަދެއްގެ ބަޔަކު މީސްމީޑިއާގައި ގޮވަން ފަށައިފިއެވެ.
ވާނާ ބްރަދާސްއިން ޖޯނީ ޑެޕް މި ފިލްމުން ބޭރުކޮށްފައި މިވަނީ، ޖޯނީ އަކީ، 2016 ވަނަ އަހަރު ޖޯނީ ކައިރިން ވަރިވި، އޭނަގެ އޭރުގެ އަންހެނުން އެމްބަރ ހެޑްއަށް އަނިޔާކުރިކަމަށް ބުނެ، ބްރިޓިޝްގެ ނޫސް، "ދަ ސަން" އިން ލިޔެފައިވާ އާޓިކަލްއާއި ދެކޮޅަށް ކުރި ދައުވާ މިދިޔަ ހަފްތާގައި ނާކާމިޔާބުވުމާއި ގުޅިގެންނެވެ.
ސަން އިން ދައްކާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށާއި އަދި އަބުރަށް އަރައިގެންކަމަށް ބުނެ ކޮށްފައިވާ މި ދައުވާ ކޯޓުގައި ސާބިތުނުވުމުން، ވާނާ ބްރޯސް އިން "ފެންޓާސްޓިކް ބީސްޓް" އިން ޖޯނީ އަމިއްލައަށް ވަކިވުމަށް އެދިފައިވާތީވެ، އޭނާ ވަނީ "ފެންޓާސްޓިކް ބީސްޓްސް" ގައި އޭނާ ކުޅޭ ރޯލުން ދެން ނުފެންނާނެކަމަށް ބުނެ ދާދިފަހަކުން ބަޔާނެއް ނެރެފައެވެ.
ޖޯނީ "ފެންޓާސްޓިކް ބީސްޓް 3" އިންވެސް ބޭރުކޮށްފައިވާއިރު، އޭނާ ކުޅެމުން އައި ކާމިޔާބު ފްރެންޗައިސް ފިލްމް "ޕައިރޭޓްސް އޮފް ދި ކެރެބިއަން"ވެސް އޭނާ ވަނި މިދިޔަ އަހަރު ބޭރުކޮށްފައެވެ.
މިކަމާއި ގުޅިގެން ޖޯނީގެ ފޭނުން އަންނަނީ، އޭނަގެ ކުރީގެ އަންހެނުން އެމްބަރ ހެޑް އަށް ފާޑުކިޔާ އަމާޒުކުރަމުންނެވެ. އަދި ވާނާ ބްރޯސް އިން، ޖޯނީ "ފެންޓާސްޓިކް ބީސްޓް" އިން ވަކިކުރިގޮތަށް، ޑީސީގެ އެންމެ މަޝްހޫރު ސުޕަހީރޯ ފިލްމް "އެކުއަމޭން" ގައި އެމްބަރ އަދާކުރާ މޭރާގެ ރޯލުން އޭނާ ވަކިކުރެވެންޖެހޭނެކަމަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ބުނަމުންނެވެ.
މި ދެމީހުންގެ ތެރޭގައި ޖެހެނު ގެވެށި އަނިޔާގެ މައްސަލައިގެ ތެރެއިން، ދެމީހުންނަށްވެސް އެއްވަރަކަށް ތުހުމަތު ކުރެވޭއިރު، ހަމައެކަނި ޖޯނީ ފިލްމަތަކުން ވަކިކުރުމަކީ އެއްވެސް އިންސާފެއް ނޫންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެގޮތުން އެމްބަރ ހެޑް ބޮއި ކޮޓް ކުރުމަށް މީސްމީޑިއާގައި ކެމްޕެއިނެއްވެސް މިހާރު ވަނީ ފަށައިފައެވެ.
"ސަން" އާއި ދެކޮޅަށް ހުށަހެޅި މައްސަލަ ޖޯނީ އާއި ދެކޮޅަސް ނިމުނުކަމުގައިވިޔަސް، އޭނާ ހުރީ އޭނާގެ ކުށެއް ނެތްކަން ސާބިތުކުރުމަށް އަލުން މައްސަލަ އިސްތިއުނާފް ކުރުމަށް ނިންމައިގެންނެވެ.




