ކޮވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން އިތުރު ފައިނޭންސިންގެ އެއް މިއަދު ތައާރަފްކޮށްފިއެވެ.
މިއީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ(އީއައިބީ) ފަންޑުގެ ދަށުން ދޫކުރެވޭ ފައިނޭންސްއެއް ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
ކޮވިޑް އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން އީއައިބީ އިންވަނީ މިނިސްޓްރީ އޮފް ފިނޭންސް އާއި ބޭންކް އޮފް މޯލްޑިވްސް އާއެކު މިދިޔަ ޖޫންމަހު 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެއްގައި ސޮއިކޮށްފައިވާއިރު، މިއީ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދުކޮޅަށް ޖެހުމުގެ ގޮތުން ހަމަޖެހިގެން ދިޔަ ފަންޑިންގ އެކެވެ.

ބީއެމްއެލްއިން މާއުލޫމާތުދޭ ގޮތުގައި މިއީ އެކްސްޓަރނަލް ލެންޑިންގ މެންޑޭޓް(އީއެލްއެމް) ގެ ދަށުން ދޫކުރެވިފައިވާ ލޯނަކަށްވުމާއެކު ޔޫރަޕިއަން ޔޫނިއަންގެ ކޮންޕްރެހެންސިވް ގެރެންޓީގެ ދަށުން ހާއްސަ ލުއިތަކެއްވެސް ލިބިގެންދާނެއެވެ. އަދި މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ވަނީ އީއައިބީ އިން ދެއްވާ އެހީތެރިކަމަށްޓަކައި ސަރުކާރާއި ދިވެހި ރައްޔިޔުންގެ ނަމުގައި އެފަރާތަށް ޝުކުރު ދަންނަވާފައެވެ. އަދި މިއީ އީއައިބީގެ ކޮވިޑް-19 ރެސްޕޮންސް ގެ ދަށުން އޭޝިއާގެ ގައުމަކާ ސޮއިކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މިކަމުން ރާއްޖޭއާއެކު އޮތް ގުޅުމުގެ ބަދަހިކަން ރަމްޒުކޮށްދޭކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
3000 އަށް ވުރެ މަދުން މުވައްޒަފުން ވަޒީފާއަދާ ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިއަދު ތައާރަފްކުރެވުނު އީއައިބީ ކޮވިޑް ރިލީފް ލޯނުގެ ދަށުން ލޯނަށް އެދި ހުށަހެޅޭނެއެވެ. މިގޮތުން 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރު ލިބެންހުރި ލޯނުތަކަށްވުރެ ކުޑަ އިންޓަރެސްޓެއްގައި ކަމަށާއި ލޯނު އަނބުރާދެއްކުމަށް މިހާރު ލޯނުތަކަށް ދެމުންދާ މުއްދަތަށް ވުރެ ދިގު މުއްދަތެއްވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ލޯނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބޭންކް އޮފް މީލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ "އީއައިބީ ގެ މިފަންޑުގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތާއި އަދި އެ ސިނާއަތާ ގުޅުންހުރި އެހެނިހެން ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ކޮވިޑް އާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފައިނޭންސް ލިބިގެންދާނެ. މިއަދު ތައާރަފްކުރެވުނު ލޯނުގެ ސަބަބުން ވިޔަފާރިތަކަށް މާލީ އެހީތެރިކަން ލިބި ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބިފައިވާ ހީނަރުކަމުން އަރައިގަނެ، އިގްތިސާދު އަނބުރާ ކޮޅަށްޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނައުމަށް މަގުފަހިވެގެންދާނެ." ކަމަށެވެ.
								
											

